ރައީސް މުއިއްޒު / ރައީސް އޮފިސް
ރިޕޯޓު
ޔާ ﷲ މިވެރިންގެ ވެރިކަމުގެ ސިއްކަ ޖައްސަވާންދޭވެ. އަދި އެކަން އަވަސްކޮށްދެއްވާންދޭވެ.
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 އޭޕްރީލު 2025
މާލެ ސިޓީ

ފަލަސްތީނުގެ ގާޒާގައި، ސަހްޔޫނީން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެ ފަދަ އަމަލެއް ނުހިންގާކަން ކަށަވަރުކުރުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ސަހްޔޫނީންގެ މައްޗަށް ހުކުމްކުރީ 26 ޖެނުއަރީ 2024 ގައި އެވެ. މި ހުކުމުން ސާފުވީ، އެއްވެސް ދައުލަތެއް ގާނޫނަށް ވުރެ މަތީގައި ނޯވެވޭނެ ކަމެވެ.

މިފަދަ ހުކުމެއް ދުނިޔެ މަތީގެ އެންމެ މަތީ ކޯޓުން އައީ ސައުތު އެފްރިކާއިން ސަހްޔޫނީން ފަލަސްތީނުގައި ހިންގަމުން ދަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބުނެ އައިސީޖޭއަށް މައްސަލަ ހުށަހެޅުމުން ނެވެ. އަދި ސައުތު އެފްރިކާގެ އެ ހުށައެޅުމަށް ދުނިޔޭގެ ގިނަ ރައްޔިތުން ތާއީދުކޮށް އަޑު އުފަލުމުން ނެވެ.

ނަމަވެސް މި އަމުރުން ދުނިޔެ މަތީގައި އަދި ވީކަމެއް ހަރާމެވެ. ސަހްޔޫނީންގެ ފައުޖުން އަދި ވެސް އަންނަނީ ދުނިޔޭގެ ކޯޓުގެ އެ އަމުރަށް ގޮންޖަހައި, ފަލަސްތީނުގައި ހިންގަމުންދާ އުދުވާންތައް އިތުރަށް ފުޅާ ކުރަމުންނެވެ. މިކަން ކުރަނީ ދުނިޔޭގެ މުއްސަދި ބާރު ގަދަ ގައުމުތަކުގެ އެހީ ގައި އެވެ. އަދި ހާއްސަކޮށް މުސްލިމް ދައުލަތްތަކުގެ ވެރިންގެ ނުސީދާ ބައިވެރިވުމާއި އެކު އެވެ. އެހެންކަމުން ދުނިޔެ އޮތީ ގާޒާގެ ރައްޔިތުންގެ ކެކުޅުމުގެ މަންޒަރާއި އަޑުން ކުޅި ބަލާށެވެ. ހާއްސަކޮށް ރާއްޖެ ވެސް ހިމެނޭހެން އިސްލާމީ ގިނަ ގައުމުތަކުގެ ވެރިން ތިބީ ގަދަ ނިއްޖެއްގައި އެވެ.

ސަހްޔޫނީނާއި މެދު ރައީސް މުއިއްޒުގެ ސަރުކާރުން އަމަލުކުރާ ގޮތުގެ އެއް މިސާލު މިތަނުގައި ހިއްސާ ކޮށްލާނަމެވެ.

ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުން މިދިޔަ އަހަރު މެދުތެރޭގައި ނިންމާފައި ވަނީ ސަހްޔޫނީން ރާއްޖެ އެތެރެވުން އެކީ މަނާކުރުމަށެވެ. އަދި އެކަމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ލަސްނުކޮށް މަޖިލީހަށް ފޮނުވަން މުއިއްޒު ސަރުކާރުން މަސައްކަތް ފަށާފައިވާކަން ވެސް ހާމަކުރި އެވެ.

ނަމަވެސް، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވިއިރު އެކަން ކޮށްފައި އޮތީ ދިވެހި ރައްޔިތުންގެ "ވިންދާ" ދެކޮޅަށެވެ. އަދި މުޅި ފަލަސްތީނުގެ ރައްޔިތުންގެ ހިތުގެ އިހްސާސްތަކާއި އަދޭސްތަކާއި ދެކޮޅަށެވެ.

ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް 2024 ވަނަ އަހަރުގެ މޭ މަހުގެ ފަހުކޮޅު އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ވެސް ރައީސް މުއިއްޒު "ގެންގުޅުއްވާ" މަޖިލީހުގެ މެންބަރުން ހުއްޓުވާފަ ތިބުމަށް ފަހު ފާސްކުރީ ސަހްޔޫނީންގެ ޖައްބާރު ނަތަންޔާހޫ އަށް ވެސް ގާނޫނީ ހުއްދައިގެ ދަށުން ރާއްޖެ އާދެވޭ ގޮތަށެވެ.

އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ ސަހްޔޫނީންގެ ކޮންމެ ނުލަފާ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ފާސްކުރި ބިލުގައި ބުނެފައި އޮވެ އެވެ.

މާނައަކީ ބިލު ފާސްކޮށްފައިވަނީ ބިލު ހުށަހެޅިއިރު އޮތް ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ގެނައީ ބިލުގައި ސަހްޔޫނީން ޕާސްޕޯޓު ގެންގުޅޭ މީހުންނާއި ސަހްޔޫނީން ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކޮށް ސަހްޔޫނީންގެ ބައިވެރިން އަދި ސަހްޔޫނީންގެ އަނިޔާވެރި ވެރިންނަށް އަބަދަށްމެ ރާއްޖެ އައުމުގެ ހުއްދަ ލިބޭ ގޮތަށެވެ.

މި ދެންނެވި މިފަދައިން ފާސްކުރުމަށްފަހު މުއިއްޒުގެ ސަރުުކާރުން އަންނަނީ އެކިކަހަލަ ބަހަނާ ދައްކަމުން ނެވެ. އެގޮތުން ރާއްޖެ ބައިވެރިވެފައިވާ ބައެއް މުއާހަދާތަކުން ޑިޕްލޮމެޓުންނަކީ ހާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ބަޔަކަށް ވާއިރު، އިސްތިސްނާއެއް ނެތި ސަހްޔޫނީންގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާކޮށްފި ނަމަ، "އެކަމުގައި އިތުރު ކޮމްޕްލިކޭޝަންތަކެއް އަައުމުގެ ފުރުސަތު އެބަ އޮތް" ކަމަށް ސަރުކާރުން އަންނަނީ ބުނަމުން ނެވެ.

އަދި ސަހްޔޫނީން ހުރިހާ މީހުން ރާއްޖެ އައުން "މަނާ" ކޮށްފިނަމަ އެކަމާއި ސަހްޔޫނީންގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާ ވެސް ރާއްޖެ ދެކެ ރުޅި އައިސް ރާއްޖޭގެ އިގްތިސާދަށް އެމެރިކާއިން ދޭ އެހީ ވެސް ކަނޑާލަފާނެ ކަމަށް މި ސަރުކާރުގެ ބޮޓުން އަންނަނީ ބުނަމުން ނެވެ.

ގާޒާގެ ރައްޔިތުންނަށް ސަހްޔޫނީންނާއި އެމީހުންގެ "ބައްޕަ" އެމެރިކާއިން ދެމުން ގެންދާ އަނިޔާވެރި އަމަލުތައް މި ވެރިމީހާ އަށް ނުފެންނަ ފަދަ އެވެ. ސަހްޔޫނީންނާއި ޖެހުމުން މި ވެރިމީހާ "މަންމަންވެ. ލޯފަން ވާ" ފަދަ އެވެ.

އަރަބި ގިނަ ވެރިން ފަދައިން މިހާރު ރާއްޖޭގައި އޮތް ވެރިކަމުގެ "ވެރިމީހާ" އަށް ވެސް ނޭނގެނީ ވެރިމީހާ ރަނގަޅުވެއްޖެނަމަ އެފަދަ ވެރިއެއްގެ ގިޔާދަތުގެ ދަށުން ގައުމު ތަރައްގީވެ ފާގަތިކަން އާއްމުވާނެކަމެވެ. އަދި މުއްސަދިކަމާއި ފައިސާ އާއި ތަނަވަސް ކަމަކީ ހުޅަނގާއި އެމެރިކާގެ މަދަދުން ލިބޭ ކަންކަން ނޫން ކަމެވެ. ހުރިހާ މުދަލަކާއި ބާރެއްގެ ވެރި ފަރާތަކީ ﷲ އެވެ. އެހެންކަމުން މުސްލިމުންގެ ވެރިން އިސްކަންދޭންވީ ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމުކުރުމަށާއި އަނިޔާވެރިކަން ނައްތާލުމަށެވެ. އިންސާފުގެ ތިލަފަތުން ގާޒާގެ ރައްޔިތުން ބާކީ ނުކުރުމަށެވެ.

ސަހްޔޫނީން ފަލަސްތީނުގެ ބިމަށް އަރައި ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ހާސް ބަޔަކު ޝަހީދުވެފައިވާ އިރު ސަހްޔޫނީންގެ އަސްކަރީ ވެރިން ވެސް ރާއްޖެ އައުން ހުއްޓުވާ އެ ގައުމުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރަން ގޮވާލައި ދިވެހި ދީނީ އިލްމުވެރިން ވެސް އެއަންނަނީ ޝުއޫރު ފާޅުކުރަމުން ނެވެ. އެގޮތުން ފަލަސްތީނުގެ، ގާޒާގެ އާއިލާތަކުގެ ހައްގުގައި އަޑުއުފުލަން ދިވެހި ދީނީ އިލްމުވެރިން އިސްނަގައިގެން މިފަހުން ވެސް ވަނީ ބޮޑެތި އެއްވުންތަކާއި ސައިކަލު ބުރު ވެސް ޖަހައިފަ އެވެ.

ޣައްޒާއަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއް ކަމަށާއި އެ ރައްޔިތުންނާ ދެކޮޅަށް ކުރާ އެއްވެސް ލާއިންސާނީ އަމަލަކަށް ރާއްޖެ އިން ތާއީދުނުކުރާނެ ކަމަށް ސަރުކާރުން ބުނާއިރު ސަހްޔޫނީންގެ މުޑުދާރު އަނިޔާވެރިންނަށް ރާއްޖޭގެ ރިސޯޓްތަކުގައި ހަނީ މޫނު ހެދޭ ގޮތަށް ގާނޫނު ހުއްދަކުރުމަކީ ސަރުކާރުން ދިވެހި ރައްޔިތުންނަށް އަދި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމް ރައްޔިތުންނަށް ކުރި މަލާމާތެކެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އާއިލާތައް ގުރުބާން ވަމުންދަނީ އެހެން މުސްލިމުންގެ ހައްގުގައި ކަމަށާއި ފަލަސްތީނުގެ ހަމަލާތަކުން ސަލާމަތްކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ޝެއިޚުން ވަނީ ގޮވާލައްވާފަ އެވެ. އަދި ހަމައެކަނި ދެ ގައުމެއްގެ މައްސަލައަކަށް ފަލަަސްތީނުގެ މައްސަލަ ހަނިކުރުމީ ޒަޔަނިސްޓުން މުސްލިމުންނަށް ލައިދެމުން ދާ ރިވާޔަތެއް ކަމަށް އިލްމުވެރިން ވަނީ ވިދާޅުވެފަ އެވެ. މި ހަރަކާތައް ނިންމާލަނީ، ފަލަސްތީނުގެ އާއިލާތަކުގެ ހައްގުގައި ކުރާ ދުއާތަކުންނެވެ. ތެދެކެވެ. އިލްމުވެރިން ވިދާޅުވާ ފަދައިން މުސްލިމުންނަށް އޮތީ ހައިވާނުން ޖެހިފައިވާ ދަލުން ނެއްޓި، ދުއާ ގައި ތިބުމެވެ.

ފަލަސްތީނަކީ އެތަން ނަބީންނާއި ރަސޫލުންނެއް އުޅުއްވި އަހަރެމެން މުސްލިމުންގެ މާތް މުގައްދަސް ބިމެކެވެ. މުސްލިމެއްގެ ހަޔާތުގައި ދަތުރުކޮށްފައި އެ މިސްކިތަކަށް ދިއުމަށް އަންގަވާފައިވާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމެވެ. ހުރިހާ ގޮތަކުންވެސް މުޅި އިސްލާމީ އުއްމަތާ ގުޅިފައިވާ ބިމެކެވެ.

އެހެން ކަމުން މި ބިމުގައި ނަސްލު ނައްތާލުމުގެ ގަތުލްއާންމު ހިންގާ އަދުއްވުންނާއި ދެކޮޅަށް އަޑު އުފުލާ ބަސްބުނުމުގައި ފިޑިވެފައިވާ ވެރިން/ލީޑަރުން/ރައީސުން ބަލިކަށި ކުރައްވާ ފަލީހަތް ކުރައްވާންދޭވެ. ޔާ ﷲ މިފަދަ ވެރިންގެ ވެރިކަމުގެ ސިއްކަ ޖައްސަވާންދޭވެ. އަދި އެކަން އަވަސްކޮށްދެއްވާންދޭވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved