

ސަހްޔޫނީން ފަަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ކަންކަމާ ނަސްލު ހޭދައާ ދެކޮޅަށް ރ. އަތޮޅު އަލިފުށީގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ.
މިއަދު ހަވީރު އެ ރަށުގައި ބޭއްވި އެއްވުމުގައި ކުދި ބޮޑު ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. އެއްވުމުގެ މައުލޫމާތު ހިއްސާކޮށް އަލިފުށިން މައުލުމާތު ދިން ފަރާތުން ބުނިގޮތުގައި ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް ސަރުކާރުން ބަހަނާ ދައްކާދެއްކުމަކީ ސަހްޔޫނީން ފަލަސްތީނުގެ ރައްޔިތުން ގަޠުލު ކުރަމުންދާ ދިއުމަށް ދޭ ހިތްވަރެކެވެ. އެހެންކަމުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރާ ބިލު ފާސްކޮށް ވީ އެންމެ އަވަހަކަށް އެ ބިލަށް އަމަލުކުރަން ފެށުމަށް އަލިފުށި ރައްޔިތުން ގޮވާލާފައިވެއެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކާ އެމީހުންނަށް ކުރަމުންދާ ތުރާތަކުން އެމީހުން މިންޖު ކުރުމަށް ދިވެހި ސަރުކާރަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް އެއްވުމުގައި ގޮވާލާފައިވެއެވެ. އަދި ސަހްޔޫނީންގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރަން ގޮވާލާ އެ ބާވަތްތައް ދިވެހިން ބޮއިކޮޓުކުރުމަށް ވެސް ގޮވާލާފައިވެއެވެ. އެއްވުމުގެ ތެރެއިން ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަށް ފަންޑު ރެއިޒް ކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް ގެދޮރުން ބޭރުކުރަމުން ސަހްޔޫނީން ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް، ދިވެހި ސަރުކާރުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް ބަހަނާ ދައްކަމުން 300 ދުވަސް ވަނީ ފާއިތުކޮށްފައެވެ.
ދާދި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒަށް، ސަހްޔޫނީންގެ ޖައްބާރު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ފޯނުން ގުޅާ އެކަމަށް ޝުކުރު އަދާކޮށްފައިވާ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. އަދި އޭގެ ބަދަލުގައި ނަތަންޔާހޫ ވަނީ އޭނާގެ ޒައެނިސްޓް ސަރުކާރުން ރާއްޖެއަށް މެދުއިރުމަތީ ގައުމެއް މެދުވެރިކޮށް އެހީ ދޭން އެއްބަސްވެފައިކަމަށް ވެސް އަޑުގަދަވެފައިވެއެވެ. މިކަން ދިވެހި ސަރުކާރުން ދޮގުކޮށްފައިވެސް ނުވެއެވެ.