

މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މާލީ މަންފާ ހޯދި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
ޝައްމާން މަގާމުން ވަކިކޮށްފައިވަނީ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ އެއް ދުވަސް ފަހުން އޭނާ ހައްޔަރުކޮށް ބަންދަށް ކްރިމިނަލް ކޯޓުން ޖެހި 15 ދުވަހުގެ މުއްދަތު ޝައްމާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ވެސް ކުރި އެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ އަމުރު އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ.
އެގޮތުން މިއީ ޝަމްއާންގެ ބަންދާ ގުޅޭ މައްސަލައެއް ހައިކޯޓަށް ހުށަހެޅި ދެވަނަ ފަހަރެވެ.
އޭނާ ހައްޔަރުކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.
ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އަދި ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައި މިލިއަނެއް ހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.
ޝަމްއާން ހައްޔަރުކޮށްފައި މިވަނީ ތުރުކީގެ އިސްމާއިލް ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް ރައީސް މުއިއްޒު މިސައިލްތަކެއް ނުއަގުގައި ގަންނަން ރާވަމުންދިޔަ ކަމުގެ އަޑުތަކެއް ގަދަވި ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ޝަމްއާން ހައްޔަރުކޮށްފައިވަނީ ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.