
ރައީސް ޑރ މުހައްމަދު މުއިއްޒަށް ބާރު ލިބުމުން މުށުތެރެއަށްލީ މުޅި ދުސްތޫރީ ނިޒާމްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ނުރުހުން ފާޅުކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ދިވެހިން 3 ބާރުވަކިވެފައި އޮތް ނިޒާމެއް ގެނައީ ބުރަ މަސައްކަތުންކަން ފާހަގަކޮށް މިއީވެސް މި ގައުމު އުޅެން ޖެހޭ ހާލަތެއްތޯ ޑރ ޖަމީލްވަނީ ސުވާލު އުފައްދަވާފައެވެ.
ރައީސް މުއިއްޒަށް މަޖްލިސް ސުޕަރ މެޖޯރިޓީ ރައްޔިތުން ދެއްވީ ބޭނުންވާ ތަރައްގީ ކަށަވަރުކުރަންކަމަށްވެސް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ. އަދި މިއަދު ބާރު ލިބުމާއިއެކު މުޅި ދުސްތޫރީ ނިޒާމް މުށުތެރެއަށް ލައިފައިވާކަމަށް ޑރ ޖަމީލް ތުހުމަތު ކުރެއްވިއެވެ.
އެގޮތުން ސުޕްރީމް ކޯޓަށް ޙަމަލާދިނީ ރައީސް މުއިއްޒު މަޖްލިސްގެ ބާރު ނިގުޅައިގަތުމުން އެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.
މިއީ އިސްލާމީ ނިޒާމު އޮންނަ ގޮތްތޯވެސް ޑރ ޖަމީލްވަނީ އައްސަވާފައެވެ. އަދި އުމަރުގެފާނު ޝަރީޢަތަކަށް ޙާޒިރުވެވަޑައިގެން ތަފާތު ތަނެއް އިށީދެ ވަޑައިގަންނަވަން ދެއްކެވުމުންވެސް ކޯފަވެ ވަޑައިގަންކަމާއި އެދި ވަޑައިގަތީ ޚަޞްމެއްގެ ގޮތުގައި ތަފާތު ނުކުރަންކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.
މިގައުމުގައި ރައީސް މުއިއްޒު ނުރުހޭފަދަ މައްސަލައެއް ކޯޓަށް ވެއްދުމުން ހިފީ ފަނޑިޔާރުންގެ ކަރުގައިކަމަށް ޑރ ޖަމީލް ސިފަ ކުރެއްވިއެވެ. އަދި މިހާ ހިސާބަށް ކަންކަން ދިއުމުންވެސް ޖުޑިޝަރީގެ އިސްވެރިޔާ އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދްނާން ހަނު ހުރުމުން އެކަމާއި ގުޅިގެން ޑރ ޖަމީލްވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އެގޮތުން ރިޓަޔަމެންޓް ޕެކޭޖް ފަދަ ނުވަތަ ތިމާއަށް އެކަނި މޮޅުގޮތް ހޯދުމުގެ ދަހިވެތިކަމުގައި ސްޓޭންޑެއް ނަގަން ނުކެރޭއިރު ދިފާޢުގައި ބަސްވެސް ބުނަނީ މާ ދުރުގައި ތިބި ފަރާތްތަކުންކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ ޖީބުން ބޮޑު ޚަރަދުކޮށްގެން މިފަދަ ހައިބަތު ބޮޑު ފަނޑިޔާރުން ގެންގުޅުމުގެ ފައިދާއެއް އޮތްތޯވެސް އެމަނިކުފާނުވަނީ ޕޯސްޓު ނިންމާވަލައްވަމުން އައްސަވާފައެވެ.










