
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލި، އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ދިވެހިރާއްޖޭގައި އެއް އަހަރު ދުވަހުގެ ތެޔޮ ރިޒާވެއް ގާއިމްކުރުމަށް ރާވާފައިވާކަން ދިވެހި ސަރުކާރުން އިއުލާންކޮށްފިއެވެ. ނަމަވެސް، މިއީ ރައްޔިތުންގެ ލޮލުގައި އަނދުުން އެޅުވުމަށް ދައްކާ ހަގީގަތާ ހިލާފު ހުވަފެނެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މިއީ ކުރީގެ އެމްޑީޕީ ސަރުކާރުން ކޯވިޑް-19 ގެ ދުވަސްވަރު ގެންނާނެ ކަމަށް ބުނި "ފްލޯޓިން ހޮސްޕިޓަލް" ފަދަ، ދުވަހަކުވެސް އަމަލީ ސިފައެއް ނާންނާނެ "ފެންޓަސީ" އެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ސުވާލަކީ، ހަމައެކަނި ތެލުގެ އަގު ބޮޑުވުމާ ކުރިމަތިލާންވެސް ބޭރުގެ ލޯނުތަކަށް ބަރޯސާވާންޖެހޭ ގައުމަކުން، 365 ދުވަހުގެ ތެޔޮ ގަނެ ރައްކާކުރާނީ ކިހިނެއްތޯއެވެ؟ މިއީ ރަސްމާލެއާއި މާލެ ގުޅުވައިދޭން ބުނާ ބިއްލޫރި ޓަނަލް ފަދަ، ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށް ހަދާ އިތުރު ދޮގެއް ބާވައެވެ؟
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ހާލަތަށް ބަލާއިރު، މި ވައުދުގެ ހުރި “ހޮޅިކަން” ހާމަވެއެވެ. ދުނިޔޭގެ އެންމެ ހަކަތަ ރައްކާތެރި ގައުމު ކަމަށްވާ ޖަޕާނުގައިވެސް ހުރީ 160-200 ދުވަހުގެ ރިޒާވެކެވެ. އެމެރިކާގައި 90-120 ދުވަސް، ދެކުނު ކޮރެއާގައި 90-100 ދުވަސް، އަދި މުޅި ޔޫރަޕްގައި ހުރީ ގާނޫނީ ގޮތުން ލާޒިމްކުރާ 90 ދުވަހުގެ ރިޒާވެކެވެ. ޓްރިލިއަން ޑޮލަރުގެ ޖީޑީޕީއާއި، ބޮޑެތި ބިންތަކާއި، ރިފައިނަރީތައް ހުރި ގައުމުތަކުންވެސް އެއް އަހަރުގެ ރިޒާވެއް ގާއިމްނުކުރަނީ އެއީ އިގްތިސާދީ ގޮތުން ބުއްދިވެރި ކަމަކަށް ނުވާތީއެވެ.
އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، އެއް އަހަރުގެ ތެޔޮ ރިޒާވެއް ބެލެހެއްޓުމަކީ އޮޕަރޭޝަނަލީ ނުހަނު އުނދަގޫ ކަމެކެވެ. ފުރަތަމަ ކަމަކީ، އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް ބިލިއަން ރުފިޔާގެ ތެޔޮ ގަނެފައި ގުދަންކޮށްފައި ބެހެއްޓުމެވެ. ދެވަނަ ކަމަކީ، ތެލަކީ ގިނަ ދުވަސްވުމުން އޭގެ ފެންވަރު ދަށްވާ އެއްޗަކަށް ވުމެވެ. މިސާލަކަށް ޕެޓްރޯލް 3-6 މަސް ތެރޭގައި ބޭނުންކުރަން ޖެހެއެވެ. މީގެ އިތުރުން، ރާއްޖެ ފަދަ ބިން ކުޑަ ގައުމެއްގައި މިހާ ބޮޑު ސިސްޓަމެއް ގާއިމްކުރުމަށް ބޭނުންވާ ބިމާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ހަރަދަކީ ރާއްޖޭގެ އިގްތިސާދަށް އުފުލޭނެ ބުރައެއް ނޫނެވެ.
ރާއްޖޭގައި ތެޔޮ ސާފުކުރާ ރިފައިނަރީއެއް ނެތްއިރު، އަދި އިމްޕޯޓް ހަރަދު އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ލޯނު ނުނަގައި މިހާރުގެ ސަޕްލައިވެސް ދެމެހެއްޓުމަށް ސަރުކާރަށް ވަނީ ނުކުޅެދިފައެވެ. އެހެންކަމުން، މިއީ ހަމައެކަނި ސިޔާސީ ގޮތުން އަތްތިލަބަޑި ޖެހުމަށް ފަރުމާކޮށްފައިވާ ހަގީގަތާ ހިލާފު ސިޔާސަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މުއިއްޒުގެ ސަރުކާރުން ހީކުރަނީ ކޮންމެ ދިވެހި ރައްޔިތަކީ އެމީހުންގެ މުސާރަ ނަގާ އެކްޓިވިސްޓުން ފަދައިން ކޮންމެ ވާހަކައެއް ގަބޫލުކުރާނެ ބައެއް ކަމަށް ހެއްޔެވެ؟ ހަގީގަތަކީ، ހިސާބު އަކުރުތަކާއި ލޮޖިސްޓިކްސްއަށް ބަލާއިރު، މިއީ ހަމަ ބޮޑު އޮޅުވާލުމެކެވެ. އިންތިޚާބަށް ރައްޔިތުން މޮޔަ ހައްދަން ފެންޓަސީ ވޯލްޑަކަށް ގެންދިއުމަށް ދައްކާ ހޮޅި ވާހަކަތަކެވެ.










