

ރައީސް ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި އއ. އުކުޅަހު ސްކޫލުގެ ޓީޗަރުންނަށް ވެވަޑައިގެންނެވި މުހިއްމު ވައުދެއް އަދިވެސް ނުފުއްދާވަކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އއ. އުކުޅަހު ސްކޫލުގެ ޕްރިންސިޕަލް 2020 ވަނަ އަހަރުން ފެށިގެން ސިޔާސީ ބާރުވެރިކަން ބޭނުން ކޮށްގެން ސުކޫލު ހިންގުމުގެ މުޅި ނިޒާމު ފެއިލް ކޮށްލާ, މުޅި ސްކޫލުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ނަގާލާ، ހިތު ހުރި ގޮތަކަށް ކަންކަން ކުރަމުން ދާތީ އަދި އޭރުގެ ސަރުކާރުން އެކަމަށް އެއްވެސް ހައްލެއް ހޯދައި ދެއްވާފައި ނުވާތީވެއާއެކު އެކަމުގެ ކަންބޮޑުވުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އުކުޅަހު ސްކޫލުގެ ޓީޗަރުންތަކެއް އެރަށަށް މުއިއްޒު އޭރު ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ވަޑައިގެންނެވުމުން ބައްދަލުކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ދަތުރުގައި މުއިއްޒުއާ ބައްދަލުނުވުމުން ޓިޗަރުން އެ ރަށުން ރަސްދޫއަށް ދަތުރުކޮށް މުއިއްޒު ރަސްދޫއަށް ވަޑައިގެންނެވި ދަތުރުގައި ބައްދަލުކޮށް ސްކޫލުގެ ހާލަތާ ޝަހުލާ އިމާދު ކަންކުރަމުންދާ ގޮތުގެ ތަފްސީލު ހިއްސާކުރި ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ދުވަހުގެ ބައްދަލުވުމުގައި ޝަހުލާ އިމާދުގެ އަނިޔާވެރިކަމުގެ ވާހަކައާ އަދި ހުށަހެޅި ހުރިހާ ޕެޓީޝަނެއްވެސް މުއިއްޒަށް އަރުވާފައިވާނެ ކަމަށާ މުއިއްޒު އެދިވަޑައިގެންނެވީ ވޯޓު ހޯދައިދެއްވާ އެމަނިކުފާނު އިންތިޚާބުކޮށްދެއްވުމަށް ކަމަށްވެއެވެ. އަދި އިންތިޚާބު ވެއްޖެ ނަމަ އެކަން ޓީޗަރުން އެދޭ ގޮތަށް ފުރިހަމަކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ވެއެވެ.
އެހެންކަމުން މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިޚާބުވުމުން އުކުޅަހު ޓީޗަރުން އެމަނިކުފާނާ ބައްދަލުކުރަން ނުހަނު މަސައްކަތް ކުރި ކަމަށާ ނަމަވެސް ރައީސް މުއިއްޒުއާ ބައްދަލުވެފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިހާރު ޝަހުލާ އިމާދުގެ އަނިޔާވެރިކަމާ ތުރާ ބެލެނިވެރިންނާ ޓިޗަރުންނަށްވެސް އިންތިހާއަށް ކުރިމަތިވެފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށްވެސް މިކަން ގެނެސްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ބެލެނިވެރިން ސުކޫލާ ދުރުވެ، ސުކޫލުގެ މީޓިންތައް ބޮއިކަޓުކޮށް، ޕީ.ޓީ.އޭ ނުހޮވޭ ހިސާބަށް ގޮސް ޝަހުލާ އިމާދު ފެއިލްވެފައިވާ މިންވަރު ބަޔާންކޮށްފައިވެއެވެ. މިފަދަ ކަންބޮޑުވުންތަކާއެކު މިހާތަނަށް 4 ޕެޓިޝަނަކާއި އެތައް ސިޓީއެއް މިނިސްޓްރީއަށް ޓިޗަރުންނާ ބެލެނިވެރިން ހުށަހަޅާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އުކުޅަހު ސްކޫލުގެ ޓީޗަރުންގެ ނުހަނު ބުރަ މަސައްކަތުން ދުވަހަކުވެސް ޕީޕީއެމް / ޕީއެންސީއަށް އެރަށުން ނުލިބޭވަރުގެ މެޖޯރިޓީއެއް ނަގައިދީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ކުރި ހޯދައިދިނުމުންވެސް އުކުޅަހު ސްކޫލުގެ ބެލެނިވެރިންނާ ޓީޗަރުންނަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ނުފުއްދާތީ ވެރިކަން ކުރާ ޕީއެންސީގެ އިސް ފަރާތްތަކާ ވެސް އެ ސްކޫލުގެ ބެލެނިވެރިންނާ ޓީޗަރުން އަދި މުވައްޒަފުން ވެސް ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާއިރު އެކަމުގައި ލަސްވާތީ ކަންބޮޑުވުންތަކާ އެކު އުކުޅަހު، ޕީއެންސީ ދާއިރާގެ ރައީސަށް ސިޓީއެއްވެސް ފޮނުވާފައިވެއެވެ.
މިކަމުގައި އުކުޅަހުން މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ހާމަކުރާ ގޮތުގައި ޝަހުލާ އިމާދު ގެންދަނީ އޭނާގެ މައްޗަށް ހުރި މައްސަލަތައް ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޮއްބާލަމުން ކަމަށެވެ.
މި ކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި އެޑިއުކޭޝަންގެ ބަހެއްވެސް މިހާތަނަށް ލިބިފައިނުވެއެވެ.