

ދިރާގާއި ސްވިމް މޯލްޑިވްސް ޖަމުއިއްޔާ ގުޅިގެން ބާއްވާ "ދިރާގު މާލޭ އޯޕަން" ފެތުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
ސްވިމް މޯލްޑިވްސްއަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، ހުސައިން ޝަމީމު 2019ގައި އުފެއްދެވި ޖަމުއިއްޔާއެކެވެ.
މިއަދު ދިރާގާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ އެ ޖަމުއިއްޔާގެ މަގުސަދަކީ ރާއްޖެއަކީ ފަތަން ދަންނަ މީހުން އުޅޭ ގައުމަކަށް ހެދުން ކަމަށެވެ.
ރާއްޖެއަކީ 99.7 އިންސައްތަ ކަނޑު އޮތް ގައުމެއް ކަމަށްވާއިރު، ފެތުމަކީ ހުރިހާ ކުޑަކުދިންނަށް އެނގެން ޖެހޭނެ ކަމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފަތަން ނޭނގުމަކީ ރާއްޖެއިން އެއްކޮށް ނައްތާލަން ޖެހޭކަމެއް ކަމަށާއި އެ ޖަމުއިއްޔާގެ ބޭނުމަކީ، ފެތުން އެއީ ވީހާ ވެސް ގިނަ މީހުން ކަސްރަތެއް ގޮތުގައި ކުރާ ކަމެއްގެ ގޮތުގައި ހެދުން ކަމަށެވެ.
އޭނާ މައުލޫމާތުދިން ގޮތުގައި މި އަހަރު މި މުބާރާތް އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 6:00ގައި ރަސްފަންނު ސަރައްހައްދުގައި ކަމަށެވެ. އަދި މުބާރާތުގައި އެއް ކިލޯމީޓަރުގެ ރޭހަކާއި 250 މީޓަރުގެ ރޭހެއް އޮންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ދިރާގަކީ 2019 ވަނަ އަހަރުން ފެށިގެން މި މުބާރާތް ސްޕޮންސާ ކުރާ ކުންފުނި ކަމަށްވާއިރު، މި އަހަރުގެ މުބާރާތް ވެސް ސްޕޮންސާ ކުރުމަށް ދިރާގުން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ މުބާރާތަށް ސްވިމް މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓާ ކުރެވޭނެ އެވެ.