
ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ފަށައިފިއެވެ.
މި މުބާރާތް ފަށައިފައިވަނީ 15 މޭ 2025 ވި ބުރާސްފަތި ދުވަހެވެ.
މިއީ، 2013 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ސްޓޫޑެންޓްސް ޔުނިއަން (އެމްއެންއެސްޔޫ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ މެދުގައި ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތެވެ.
މި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ފުޓްސަލް ހުނަރު ތަރައްގީކޮށް ކުޅުންތެރިން ބިނާކުރުމަށް އެހީތެރިވެދިނުމެވެ.
އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 27 ޓީމުން ބައިވެރިވެ، 500 އަށް ވުރެ ގިނަ ކުޅުންތެރިން ފެނިގެންދާނެއެވެ. 15 އިން 30 މޭ އަށް ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްދާނީ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައެވެ.
ދިރާގަކީ، ރާއްޖޭގައި ފުޓްސަލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.










