ޑރ ޖަމީލް / ތޭރަ އޮންލައިން
ސިޔާސީ
ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް އަދިވެސް ކުރަނީ ސިޔާސީ ދައުވާ: ޑރ ޖަމީލް
Hussain Nawaf
ހުސައިން ނަވާފް
17 އޭޕްރީލު 2025

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތްތަކަށް ފޯރުވާ ނުފޫޒުތައް ހުއްޓުވާ މިނިވަންކުރާނެކަމަށް ވައުދުވެ ވެރިކަމާއި ހަވާލުވުމަށްފަހު އަދިވެސް ކުރިއަށް ގެންދަނީ ސިޔާސީ ދައުވާތަކެއްކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ގައުމު ބިނާ ކުރުމަށްޓަކައި 3000 މީހުންނަށް ގައުމިއްޔަތު ކިޔައިދީފި ކަމަށް ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައިވާ ވުމަކަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވިދާޅުވީ ދިވެހި ގައުމިއްޔަތަކީ ކޮބައިތޯ ކަމާ ގައުމިއްޔަތުގެ އެންމެ ފުރަތަމަ ރުކުނަކީ އިސްލާމްދީންކަމަށެވެ.

ރައީސް ޔާމީން މިނިވަންކުރަން ރައީސް މުއިއްޒު އެތައް ފަހަރު ވަޢުދުވިކަމާއި މިއަދު ކޯޓުގައި އަލުން ބަލުން ކުރިއަށްދަނީ ސިޔާސީ ދަޢުވާތަކެއްކަމަށް ޑރ ޖަމީލްގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދު މިސަރުކާރުގެ ގައުމިއްޔަތުގައި އޮތީ މަކަރު ހެދުންކަމާއި، އޮޅުވާލުމާއި، ދޮގުހެދުމުގެ އިތުރުން ޝުކުރުވެރި ނުވުމާއި ޙަރާންކޯރުވުންކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުގައި ހިމެނޭ ދީނީ އިލްމުވެރިންނަށް އެކަންކަން ދޮގުނުކުރެވޭނެ ކަމަށާ އެހެންކަމުން ދިވެހިންނަށް ދަސްވާނެ ގައުމިއްޔަތުގެ މިންވަރު ވަޒަންކޮށްލުމަށް ޑރ ޖަމީލު އެދިވަޑައިގެންފައިވެއެވެ.

އެގޮތުން މިއަދު "ބަހުގެ އިތުބާރު" މިލަފުޒު ދިވެހި ބަހުގެ ރަދީފުގައި މާނަ ކުރަންވާނީ މުއިއްޒު ގޮތަށް ކަންތައްކުރުން ނުވަތަ ރައީސް މުއިއްޒު ޒާތުގެ ވަޢުދު އެއީ ފުއްދާނެ ކަމުގެ ނިޔަތް ނެތި އަޙްދުވުމަށް ބަދަލު ކުރަން ޖެހޭކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved