

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންކަމަށްވާ ޑރ. މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރާއި، ހުސްނުއްސުއޫދު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭ ސަސްޕެންޑުކުރި މައްސަލައިގައި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ ރެޕެޓުވާ މާގަރެޓް ސެޓާތުވެއިޓް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އދ. ގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުން އަދި ކުރެވޭ ކޮންމެ ތަހުގީގަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެހެން ގާނޫނުއަސާސީއަށް ގެނައި ބަދަލާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވާ، އެ ކޯޓުގެ ނިންމުން ބަލިކަށިކުރަން ހިންގި އަމަލުތަކެއް ކަމުގައި ބެލެވޭ
ތިން ފަނޑިޔާރުންނާ ދެކޮޅަށް ފަށާފައިވާ ތަހުގީގުތަކާއި ބަލަމުންދާ ސުލޫކީ މައްސަލަތަކަކީ، ފަނޑިޔާރުން މަގާމުން ވަކިކުރަން އޮންނަ އުސޫލުތަކާއި ހިލާފަށް ހިންގެ ތަހުގީގުތަކެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ. މިއީ މިނިވަން ފަނޑިޔާރުގެއަށް ފޯރުވޭ ނުފޫޒެއްގެ ގޮތުގައިވެސް އޭނާ ސިފަކުރައްވާފައިވެ އެވެ.
މީގެ އިތުރުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގައި، އަޑުއެހުންތަކުގައި ހާމަކަން ބޮޑު ގޮތެއްގައި ރައުޔު ހާމަކުރެއްވި ތިން ފަނޑިޔާރުންނަށް، އެ މައްސަލައިގެ އަޑުއެހުމަކަށް ކުޑަތަންވެފައި އޮއްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަަލަމުން އަންނަކަމަށް ޖޭއެސްސީއަށް އެންގުމުން އެ ކަމުގެ ކަންބޮޑުވުން ވެސް އދ.ގެ ހާއްސަ ރެޕެޓުވާ ފާޅުކުރެއްވި އެވެ.
ރެޕެޓުވާ އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސުލޫކީ މައްސަލައެއްގައި ސަސްޕެންޑުކުރުމަކީ، ފަނޑިޔާރުން ވަކިކުރެވޭނީ ބޮޑެތި ކުށްތަކެއް ނުވަތަ ގާބިލްކަން ނެތް ކަމަށް ބުނާ އުސޫލާ ޚިލާފު ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި ސަސްޕެންޝަންތަކާއި ސުލޫކީ މައްސަލަތަކުގެ ތަހުގީގުތަކުގެ ޕްރެޝަރަކީ ކޯޓުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމަކަށްވުމުގެ ފުރުސަތަކަށް ވާނެ ކަމަށެވެ.
އެއާއެކު ޖޭއެސްސީން ފަނޑިޔާރު މަހާޒާއި، އަޒްމިރަލްދާގެ ސުލޫކީ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައިރު އެ ދެ ފަނޑިޔާރުންގެ ވަކީލުންނަށް ފުރުސަތު ނުދިނުމުން އެ ކަމާ ކަންބޮޑުވާކަމަށް ވެސް ސެޓާތުވައިޓު ވިދާޅުވިއެވެ.
އދ.ގެ އެ ބަޔާނުގައިވާ ގޮތުން މި މައްސަލައިގައި އދ.ގެ ހާއްސަ ރެޕެޓުވާ ގެންދަވަނީ ދިވެހި ސަރުކާރާއެކު މަސައްކަތް ކުރަމުންނެވެ. ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.