ރައްޔިތުންނަށް ގަރުދިޔަ އާ ބަތް، ރައީސް މުއިއްޒަށް އިސްރާޒީލުގެ ބަރު ހަތިޔާރު! / ތޭރަގްރެފިކްސް
ރިޕޯޓު
ރައްޔިތުންނަށް ގަރުދިޔަ އާ ބަތް، ރައީސް މުއިއްޒަށް އިސްރާޒީލުގެ ބަރު ހަތިޔާރު!
20 އޭޕްރީލު 2025
މާލެ ސިޓީ

ދވެހިރާއްޖޭގެ ޚަރަދުތައް ކުޑަނުކޮށްފި ނަމަ ލަންކާ ދިޔާ މަގުން ގޮސް ރާއްޖެވެސް ބަނގުރޫޓުވެ ގައުމު އިނދަ ޖެހޭނެކަމުގެ އިންޒާރު ދުނިޔޭގެ މާލީ އިދާރާތަކުން ދިވެހިރާއްޖޭގެ ސަރުކާރަށް ދީފައިވާތާ މަދު ދުވަހެއް ނޫނެވެ.

ގައުމުގައި ސިޔާސީ މަގާމުތައް މަދުކޮށް ހިންގުމުގެ ޚަރަދު ކުޑަކޮށް ބޭކާރު ޚަރަދުތައް ކުރުން ހުއްޓާލުމަށް އިލްތިމާސްކޮށް އައިއެމްއެފުން ރާއްޖެއަށް ލަދާދިންތާ ދެ އަހަރު ފާއިތުވަނީ އެވެ. އެއާއެކު ފެނިގެން ދިޔައީ ޕީއެންސީގެ ވެރިން ޚާއްސަކޮށް ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޮ، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ޚަރަދު ކުޑަކުރަން ރައްޔިތުންނަށް ގޮވާލާ ރައްޔިތުން ގަރުދިޔައާ ބަތާ ކާން ގޮވާލި މަންޒަރެވެ. ގަރުދިޔަ ޖަގަހައިގައި ޖަލްސާ ބާއްވާ، ރައްޔިތުން ޚަރަދުކުޑަކުރަން ގޮވާލިއިރު މިހީވީ ގައުމު އިނދަ ޖެހިގެން އުޅެނީ ރައްޔިތުން އެމީހުންގެ މުހުތާދުތައް ފުއްދަން ދައުލަތުގެ ފައިސާ ބޭނުން ކުރާތީ ހެންނެވެ. މިހާ ވެސް މިއަދުގެ ވެރިން ރައްޔިތުން ބޮލުގައި ކަންކަން އަޅުވާ ކަމުން ރެކެން މޮޅެވެ.

ކަންކަން މި މަގުން ދަތުރުކުރަމުންދިޔަ ނަމަވެސް ވެރިންނާ ދައުލަތުގެ ހިންގުމުގެ ހަރަދު އެންމެ ތަންފުކެއްވެސް ދަށް ނުވެއެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއިން މާޗު 20، އާ ހަމައަށް ހާމަކކުރި ހަރަދާއި ލިބުނު އާމްދަނީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މާޗު 20ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 2.62 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ބަޖެޓުން ހަރަދުވީ 2.22 ބިލިއަނެވެ. މިއީ ޖުމްލަ 404 މިލިއަން ރުފިޔާގެ ބޮޑުވުމެކެވެ. މުސާރައަށް އެކަނި ދިޔަ ހަރަދުވެސް ވަނީ 147 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

އިންފްލެޝަން ރޭޓު މަތިވެ ތަކެތީގެ އަގު އިންތިހާއަށް އުފުލި ރައްޔިތުން އަނގަޔާ އަތާ ދިމާނުވެ ތިއްބާ ދެން މިފެނުނީ ނަމަވެސް ހައިރާންވެ އަންތަރީސްވެ ބައިނާޅިކެވޭ ވަރުގެ ކަމެކެވެ.

އެހެންޏާ ފަހެ މިއުޅެނީ މި ގައުމުގެ ޚަރަދުތައް ފޫ ނުބެއްދި ގައުމު އިނދަ ޖެހޭތީ ކަމަށްވާއިރު ބޮޑު އަގުގައި ޖައްބާރު އިޒްރާއީލުން އަތުން ބަރު ހަތިޔާރު ގަނެ ރާއްޖެއިން މިއުޅެނީ ކޮން ހަނގުރާމައަށް ތައްޔާރުވާން ޖެހިގެން ބާއެވެ؟

ދިވެހި އަސްކަރިއްޔާގެ ބޭނުމަށް އެންމެ ފަހުން ގެނައި އަޖްބާން މަރުކާގެ 'އަޖްބާން 442އޭ' އުފައްދާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސަރުކާރުގެ ޑިފެންސް ކުންފުނި އެޖް ގްރޫޕަކީ އިޒްރޭލަށް ވާގިވެރިވާ ކުންފުންޏަކަށްވާއިރު، ފަލަސްތީނުގެ ހައްގުގައި ތިބޭނެކަމުގައިމެޑަލް ޖަހަމުންދާ ރައީސް މުއިއްޒުގެ ސަރުކާރުން މި ބަރު ހަތިޔާރުތައް ގަތުމަށް ހޭދަކުރި އަދަދު ރަސްމީކޮށް ސަރުކާރުން ހާމަނުކުރި ނަމަވެސް މި ހަތިޔާރާ އުޅަނދުތައް ގަތުމަށް 54 މިލިއަނަށް ދިވެހި ރުފިޔާއަށް ގިނަ ފައިސާ ހޭދަވާނެ ކަމަށް ބެލެވެއެވެ.

މިއީ ރާއްޖެއަށް ބޭނުންވާ ކާޑާ އެހެނިހެން ސާމާނު ގަންނަ ނަމަ އެތައް މަސް ދުވަހުގެ ބާވަތްތައް ގަންނާނެ އަގެވެ.

އެހެންކަމުން ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރައިގައި ތިބެގެން އައްޔާޝީކުރަމުން ބޭކާރު ޚަރަދުކުރަމުން ނިފާގަތުގެ އަމަލުތައް ހިންގަމުން، ރައްޔިތުން ކައިރީ ގަރުދިޔައާ ބަތާ ކައިގެން ދަށް ފަންތީގެ ދިރިއުޅުމަކަށް ތިރިވާށޭ ބުނަން ކެރޭނީ ހާދަހާ އަސްލުވެސް ލަދު ކުޑަވީމައެވެ. ކަނީ އަހަރުމެން ރައްޔިތުންގެ ލާރިއެވެ. ލަނީ އަހަރުމެން ރައްޔިތުންގެ ލާރިން ގަންނަ އަންނައުނެވެ. ދުއްވަނީ އަހަރުމެން ރައްޔިތުންގެ ފައިސާއިން ގަންނަ ވެހިކަލްތަކެވެ. އެކަމަކު އަހަރުމެން ރައްޔިތުން ދަށްކޮށްލުމުގެ ނިޔަތުގައި މިކިޔަނީ ބޮޑެތި ލޯނުތައް ނަގައިގެން އައިފޯނާ ސައިކަލާ އަގުބޮޑު ދިރިއުޅުން އުޅެނީ ކީއްކުރަން ހެއްޔެވެ؟

ކޮންމެ އަކަސް ހިތި ބޭސްވެސް ބޯންވީ ވެސް ރައްޔިތުންނެވެ. ގަރުދިޔަ އާ ބަތް ކައިގެން ދިރިއުޅުން ދަށް ފަންތިއަކަށް ތިރި ކުރަންވީ ވެސް ރައްޔިތުންނެވެ. ބޮޑު ކުރި ޓެކްސްވެސް ދައްކަން ވީ ރައްޔިތުންނެވެ. ވެރިންނަށް އޮތީ ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ނަގައިގެން އައްޔާޝީކުރުމެވެ. މިއީ ދިވެހީންގެ ރާއްޖޭގެ ހުކުމްހެއްޔެވެ؟ ރައްޔިތުންނަށް ގަރުދިޔައާ ބަތެވެ. ރައީސް މުއިއްޒަށް ޖައްބާރު ޔަހޫދީންގެ ބަރު ހަތިޔާރެވެ.

ބަލަ ބުރާންތިތަކާއެވެ. ގަންނަންވީ ބަރު ހަތިޔާރެއް ނޫނެވެ. ސިޔާސީ މަގާމުތައް މަދު ޚަރަދުކުޑަކުރަންވީއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved