2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން. / ތޭރަ އޮންލައިން
ހަބަރު
ރައްޔިތުންގެ މެޖޯރިޓީ ތާއީދުނެތަސް ވެރިކަން ކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަނީ!
20 އޭޕްރީލު 2025
މާލެ ސިޓީ

ރައްޔިތުންގެ މެޖޯރިޓީ ތާއީދު ރައީސްކަމަށް ކުރިމަތިލާ މީހަކަށް ނެތް ނަމަވެސް ވެރިކަން ކުރެވޭ ގޮތަށް ގާނޫނަށް ބަދަލުގެނައުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުދާހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ރައީސް ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. އަދި އެކަމުގެ ތެރެއިން ރައީސް މުއިއްޒު ތާއީދުކުރައްވަނީ ޕްރިފަރެންޝަލް ވޯޓިންގެ ނިޒާމަށް ކަން ވެސް އެމަނިކުފާނު ވަނީ ރަސްމީކޮށް ހާމަކުރައްވާފައެވެ.

އާންމުނަށް ވަދެވޭގޮތަށް ހުޅުވާފައިވާ އެމަނިކުފާނުގެ ރަސްމީ ވަޓްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ، ޕްރިފަރެންޝަލް ވޯޓިންގެ ނިޒާމަށް ތާއިދުކުރައްވާކަން ހާމަކުރައްވާފައެވެ. ނަމަވެސް، މިކަމާ ގުޅިގެން އިތުރު އެއްޗެއް ރައީސް މުއިއްޒު ވިދާޅުވެފައެއް ނުވެއެވެ.

ޕްރިފަރެންޝަލް ވޯޓިންގެ ނިޒާމަށް ތާއިދުކުރައްވާކަން ރައީސް ޑރ މުއިއްޒު ހާމަކުރައްވާފައިވާއިރު، ބުރާސްފަތި ދުވަހުގެ މެންދުރު މަޖިލިސް މެމްބަރުންނާ އެކު މުލިއާގޭގައި ކެއުމާއެކު ބޭއްވި ބައްދަލުވުމެއްގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށް ގާނޫނު އަސާސީއަށް ބަދަލުކުރުމަށް ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓު މި އަހަރު ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި ޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުންވެސް އެ ވޯޓުގައި ބައިވެރިވެ ތާއީދުކޮށް ވޯޓުދެއްވުމަށް ރައީސް މުއިއްޒު މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައިވެއެވެ.

މީގެއިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަަށްވެސް މި އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވި ކަމަށްވެއެވެ. ހަމައެހެންމެ ވެރިކަމުގެ ހުވާ ކުރާ ދުވަސް ކުރިންވެސް އޮތް ގޮތަށް ރާއްޖޭގެ ޖުމްހުރީ ދުވަހަށް ބަދަލުކުރުމަށްވެސް ރައީސް މުއިއްޒު ހުށަހަޅުއްވާނެ ކަމަށްވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެ ކަމަށް އެންމެ ފުރަތަމަ ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޖުމްހުރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުން އެގޮތަށް ދެކޭނަމަ 2028 ގެ އިންތިހާބު ކުރިއަށް ގެންދާނީ އެއްބުރަށް ކަމަށްވެސް ރައީސް އެ ދުވަހު ވިދާޅުވިއެވެ.

ޕްރިފަރެންޝަން ވޯޓިން ނިޒާމެއްގައި ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ގިންތިކޮށްގެންނެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަށް އެކެއް، އަދި ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓަށް ދޭއް، އެ ފަދަ ގޮތަކަށެވެ. މިފަދަ ނިޒާމަކަށް ވޯޓުލާ ނިޒާމު ބަދަލުކުރުމުން ދެވަނަ ބުރަކަސް ނުގޮސް ރައީސަކު ހޮވޭނެއެވެ. މިއީ ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގައި އަމަލުކުރާ ނިޒާމެކެވެ. ނަމަވެސް އޭރުން ވާނީ ރައްޔިތުންގެ މެޖޯރިޓީ ތާއީދު ނެތަސް ވެރިކަން ކުރާ ވެރިއަކު ހުރި ގައުމަކަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved