ކުއްޖަކު ނިޔާވެފައިވަނީ ގއ. ގެމަނަފުށިން / ސޯޝަލް މީޑިއާ
ހަބަރު
7 މަހުގެ ކުއްޖަކު އިހުމާލުން ނިޔާވުން، ބައްޕަ ބުނަނީ އެކަނި ނަމަވެސް އިންސާފަށް އެދި މަސައްކަތް ކުރާނެ ކަމަށް!
20 އޭޕްރީލު 2025
މާލެ ސިޓީ

ގއ. ގެމަނަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން ތުއްތު ކުއްޖަކު ނިޔާވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން އެންމެ ހަތް މަހުގެ ތުއްތު ކުއްޖެކެވެ. މިކަމާ ގުޅިގެން މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން ކުއްޖާގެ ބައްޕަ. ގއ/ ގެމަނަފުށީ ހަނދުވަރީގެ ހުސެއިން ޝަހުބާދު ބުނެފައިވާ ގޮތުގައި ކުއްޖާ ސިއްހީ މަރުކަޒަކަށް ގެންދިޔައީ އާދައިގެ ރޯގާއެއް އައިސް ކުއްޖާ މަރުކަޒަށް ދެއްކުމަށް ފަހު އާވި ވެސް އަރުވަން ދިން ލަފަޔާ އެކު ކުއްޖާއަށް ފަރުވާ ދެމުން ގޭގައި ދަނިކޮށް ކުއްޖާ ދެފައި ކުރުކޮށް ވަރަށް ބާރަށް ރޯން ފެށުމުން ކަމަށެވެ.

އެގޮތުން މި މަހުގެ 15 ވަނަ ދުވަހުގެރޭ ގަޑިން އިރުއޮއްސި 7:50 ހާކަން އިރު ކުއްޖާ ގޮވައިގެން މަރުކަޒަށް ދިޔައިރު ޑޮކްޓަރުވެސް މަރުކަޒުގައި ނެތުމުން ފުރަތަމަ ކުއްޖާއަށް އެޓެންޑްވީ ނަރުސް ކުދިން ކަމަށާ ނަމަވެސް ނަރުސް ކުދިންނަށްވެސް ކުއްޖާއަށް ވަމުންދިޔަ އުނދަގޫ ދެނެ ނުގަނެވުމުން ޑޮކްޓަރަށް އަންގާ ޑޮކްޓަރު އައިސް ކުއްޖާއަށް އެޓެންޑްވެ ކުއްޖާގެ ނޭފަތަށް ފެން ދުއްވި ކަމަށެވެ. މިފަދައިން ކުއްޖާގެ ނޭފަތަށް ހަތަރު ފަސް ފަހަރު ފެން ދުއްވިކަމަށާ ފަސް ވަނަ ފަހަރު ކުއްޖާގެ ނޯށުން ލޭ އައިސް ކުއްޖާއަށް ބޮޑުވަރު ވި ކަމަށް ކުއްޖާގެ ބައްޕަ ކިޔައިދީފައިވެއެވެ.

ނޯށަށް ފެން ދުއްވި ކޮންމެ ފަހަރެއްގައިވެސް ކުއްޖާގެ ހަރަކާތް އިރުކޮޅަކަށް ހުއްޓޭ ކަމަށާ ކުއްޖާ އެއްކޮށް ހުއްޓުނު ކަމަށް ކުއްޖާގެ ބައްޕަ ކިޔައިދީފައިވެއެވެ. ޝަހުބާދު ބުނި ގޮތުގައި ކުއްޖާގެ ހިތް ހުއްޓުނު ކަމަށާ ގުޅާފައި ހުރި މެޝިނުން އެކަން ފެނުނު ކަމަށެވެ. އޭގެ ފަހުން ސީޕީއާރު ދިން ކަމަށްވެސް ޝަހުބާދު ކިޔައިދީފައިވެއެވެ. ޝަހުބާދު ކިޔައިދިން ގޮތުގައި ފަސް ވަނަ ފަހަރު ފެން ދުއްވާލުމާއެކު ނޯށުން ލޭއައުމުން ފެން ދުއްވުން ނިންމާލުމަށް ފަހު އިންޖެކްޝަނެއް ދަރިފުޅުގެ ގަޔަށް ޖެހި ކަމަށެވެ. އޭގެ ދެމިނެޓުވެސް ނުވަނީސް ދަރިފުޅު ގަޔަށް ބާރެއް އަރާ ނޯށުންނާ އެކު ހޮޑުތައް އައި ކަމަށެވެ.

އޭގެ ަފހުން ވިލިގިނލީ ހޮސްޕިޓަލަށް ފޮނުވަން އޮކްސިޖަން ގުޅި ކަމަށާ އޭގެ ކުރިން ކުއްޖާއަށް އޮކްސިޖަން ވެސް ދީފައި ނުވާ ކަމަށް ޝަހުބާދު ކިޔައިދިނެވެ. އޭރުވެސް ކުއްޖާ އޮތީ ނޫފައިގެންފައި ކަމަށް ވެސް ޝަހުބާދު ކިޔައިދިނެވެ. ވިލިގިއްޔަށް ކުއްޖާ ގެންދިއުމުން ވިލިގިނލި ހޮސްޕިޓަލުން ފޮނުވީ މާލެ ކަމަށާ މާލެ ގެނައި އިރުވެސް ކުއްޖާގެ ހިތް ހުއްޓިފައިވާ ކަމަށް މާލެ ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ.

ޝަހުބާދު އިތުރަށް ބުނީ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމަށާ އެކަނި އެކަން ކުރަންވި ނަމަވެސް ދޫ ނުދޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved