

ސްޓޭޓު ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް އިށީންނާނެ ގޮނޑިގަތުމަށް މިލިއަނުން ފައިސާ ޚަރަދުކުރިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ މިކަމާ ގުޅޭ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. ސޯޝަލް މީޑިޔާގައި އާންމުވެފައިވާ އެ ލިޔުންތަކުން ހާމަވާ ގޮތުގައި، ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯއިން 175 ގޮނޑި ގަތުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏަކާއެވެ. ގޮނޑި ގެނައުމަށް ހަވާލުކޮށްފައިވަނީ ގޮނޑިއަކަށް އެވްރެޖްކޮށް 7،000ރ އަށް ވުރެ ބޮޑުކޮށް ފައިސާ ޖެހޭ ގޮތަކަށެވެ. އެގޮތުން 175 ގޮނޑިއަށް ޖުމްލަ ދެ މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ދިވެހި ފައިސާ އަރައެވެ.
އެސްޓީއޯއަކީ މީގެ ކުރިން އެ ކުންފުނީގެ އަމިއްލަ ބޭނުންތަކަށް ކުންފުނިން މި ފަދަ އާލާތްތައް ގެންނަ ތަނަކަށްވާއިރު މި ފަހަރު މިގޮތަށް އަމަލުކުރި ސަބަބެއް ނޭނގެއެވެ.
މިކަމާ ގުޅިގެން އެސްޓީއޯ އެމްޑީ ޝިމާދު އިބްރާހިމުގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
މި ސަރުކާރު ތެރެއިން މިފަދަ ބޭކާރު ގިނަ ޚަރަދުތައް ކުރަމުން ގެންދާތީ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.