

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން އިސްމާއީލް ލަތީފް ބަންދުނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ހިންގި ތަހުގީގުގެ ފަހު ރިޕޯޓްގައި ވަނީ ކުރިން ޖަވާބުދާރީވާން ފުރުސަތު ނުދޭ އާ ތުހުމަތުތަކެއް ކަމަށް އަޒްމިރަލްދާ ހާމަކުރައްވާފިއެވެ.
މިކަން ހާމަވެފައިވަނީ އަޒްމިރަލްދާގެ ފަރާތުން ނެރުނު ބާޔަނެއްގައެވެ.
އެ ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަޒްމިރަލްދާއަށް ފުރަތަމަ ފޮނުވި ނޯޓިސް އާއި ތަހުގީގުގެ ފުރަތަމަ ރިޕޯޓްގައި ވެސް ތުހުމަތުކޮށްފައި ވަނީ އަޒްމިރަލްދާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށާއި ތަހުގީގުގެ ފަހު ރިޕޯޓްގައި އޮތީ މަހާޒުއާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ގާޒީ އިބްރާހީމް ޒިހުނީއަށް ނުފޫޒު ފޯރުވި ކަމަށް ހާމަވެފައިވެއެވެ.
އަޒްމިރަލްދާ ގަބޫލުކުރައްވާ ގޮތުގައި ތުހުމަތު އެ ވަނީ ބަދަލުވެފައެވެ. އަދި ކުރިން ފާހަގަނުކުރާ މުޅިން އާ ވާހަކަތަކެއް ފާހަގަކޮށްފައިވާއިރު އެ ކަންކަމަށް ޖަވާބުދާރީވާން ފުރުސަތެއްވެސް ލިބިވަޑައި ނުގަންނަވާކަންވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހަގީގަތަކީ ކޮބައިކަން މައްސަލަ ބަލާ ކޮމިޓީން ކަށަވަރު ކޮށްފައި ނުވާކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ފަނޑިޔާރުން އަޒްމިރަލްދާ އާއި މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.
އަދި މި މައްސަލައިގައި ދައުލަތުން ބިރު ދައްކާކަމަށް ތުހުމަތުކޮށް ހުސްނު ސުއޫދު އިސްތިއުފާ ދެއްވިކަން ފާހަގަ ކުރެވެ އެވެ.