theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝަމްއާން ރައީސް މުއިއްޒު އަށް ސަލާމް ކުރައްވަނީ / ރައީސް އޮފިސް
ހަބަރު
ޝަމްއާންގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ކެންސަލް
Hussain Nawaf
ހުސައިން ނަވާފް
22 އޭޕްރީލު 2025

ޖިނާއީ ތުހުމަތެއް ކުރުމަށްފަހު މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.

ޝަމްއާންގެ އިސްތިއުނާފު ދެވަނަ އަޑުއެހުން ހައި ކޯޓުގައި މިއަދު މެންދުރު 1:00 ޖަހާއިރު ބާއްވަން ތާވަލުކުރީ އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމަށްފަހުއެވެ.

އެ އަޑުއެހުން ކެންސަލްކުރީ އެ ގަޑީގައި މައްސަލަ ބަލާ ފަނޑިޔާރަކު ބައިވެރިވެވަޑައިގަންނަވާ އަޑުއެހުމެއް ހަމަ އެ ގަޑިއަށް ތާވަލުކުރެވިފައި އޮތުމުންނެވެ.

އިއްޔެ ކުރިއަށްދިޔަ ޝަމްއާންގެ އިސްތިއުނާފް އަޑުއެހުމުގައި އޭނާގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ހިންގާ ކުށްތަކާއި މަނީ ލޯންޑަރިންގެ ކުށުގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ބަންދުކޮށްގެން ގެންގުޅުމަކީ ދައުލަތުން މީގެ ކުރިން އަމަލު ކުރަމުން އައި އާންމު އުސޫލު ނޫން ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.

ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައި މިލިއަނެއް ހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

ޝަމްއާން ހައްޔަރުކޮށްފައި މިވަނީ ތުރުކީގެ އިސްމާއިލް ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް ރައީސް މުއިއްޒު މިސައިލްތަކެއް ނުއަގުގައި ގަންނަން ރާވަމުންދިޔަ ކަމުގެ އަޑުތަކެއް ގަދަވި ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ޝަމްއާން ހައްޔަރުކޮށްފައިވަނީ ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved