ޕޮޓެއްގައި އިން ބޮޓަކަށް ކުރެވޭނީ ކޮން ސައިޒެއް؟ / ތޭރަގްރެފިކްސް
ރިޕޯޓު
ޕޮޓެއްގައި އިން ބޮޓަކަށް ކުރެވޭނީ ކޮން ސައިޒެއް؟
23 އޭޕްރީލު 2025
މާލެ ސިޓީ

އިސްކޮޅަކާ އަޑެއް ލިބިފައިވީ ނަމަވެސް އަދި އެއީ މީހާގެ ހައިބަތާ ގާބިލުކަން ދައްކުވައިދޭ ކަމެއް ނޫނެވެ. އަދި އެއީ އެކަމާ ފަޚުރުވެރިވާން ވެސް ޖެހޭ ކަމެއް ނޫނެވެ.

އެގޮތުން ބަލާއިރު މީހާގެ ހައިބަތާ ޝަޚުސިއްޔަތުވަންތަކަން ދައްކުވައިދެނީ އެމީހެއްގެ ތެދުވެރިކަމާ އަމާނާތްތެރިކަމާ އަދި ހައްގު ބަސް ބުނެ އެއަށް އަމަލުކުރން މަތީ ދެމިހުރުމުގައިކަން ޔަގީނެވެ.

ކަންމިހެން ހުރިއިރު އަތުގައި މައިކެއް ޖެހޭ އިރަށް އެހެން މީހުންގެ ފަސްބައިގައި ހުރި ގުއިގެ ވާހަކަ ދައްކަން ބައެއް މީހުން ފޫގަޅާއިރު ތިމާމެންގެ ފަސްބައި ހުރީ ކިހިނެއްކަން ހަނދާން ވެސް ނުހުރެއެވެ. މިއީ އިންސާނީ ޠަބީޢަތްކަމަށްވެދާނެއެވެ. ނަމަވެސް ބޮޑެތި މައިކުތަކުން އަޑުހަރުކޮށް މީހުންނަށް އިންޒާރުދީ ހަދާއިރު ތިމާ މީހާއަކީ ނުހަނު ފުރިހަމަ މިނިވަނެއްގެ ގޮތުގައިވެސް ހުންނަން ޖެހުން މިއީވެސް މީހާގެ ހައިބަތު އެކަމުގައި ހިމެނޭ ކަމެކެވެ.

ގަނޑުވަރެއްގެ ޒުލުގައި ފައިސާގެ ވާފަށްތަކުން ބަނދެފައި ތިބޭ ބަޔަކީ މިނިވަންކަމުގައި ދެކޭނެ ބަޔަކު މިއަދު ނެތެވެ. މިނިވަންކަމާ އެކި ހައްގާ ބާތިލު ވަކިކޮށް ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ މައިކެއް މިއަދު މަދެވެ. އެހެންކަމުން ޖަގަހަޔަކަށް އުނދާފައި ހުރި ގަރުދިޔަ ތެއްޔެއް ކެކި އުތުރި އަރައިގެންދާއިރު އެ ގަރުދިޔަ ތެލީގެ ދުން ފޯރާ ހިސާބުގައި ޕޮޓެއްގައި އިންނަ ބޮޓަކަށް އެހެން މީހުންގެ ވާހަކަ ދެއްކިދާނެ ހެއްޔެވެ. އަދި އަމުދުން ތިމާ މީހާ އަކީ އިވެންޓުތަކުގެ ދަހިވެތިކަމުގައި ސަނާ ކިޔަން ބޮޓެއްގައި އިންނަ މީހަކަށްވާއިރުއެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރަން ގާނޫނު އަސާސިއިން ލިއްބައިދީފައިވާ ހައްގެއްގެ ބޭނުންކުރަން ރައްޔިތު މީހާ ނުކުންނަ ނުކުތުން ހުއްޓުވާނަމޭ ސައިޒުކުރާނަމޭ ބުނެ ގާނޫނު ހަދާ މަޖިލީހުގައި އިންނަ ބޮޓަކު މާބާރު މައިކަކުން އިންޒާރުދިނަސް ސިހޭނެ ރައްޔިތަކު މިހާރު ނެތެވެ. ވަޅު ކައްޓަފުޅިތައް ދާންޏަށް ސިހުނު ޒަމާން މާޒީވެ ހިނގައްޖެއެވެ.

ދެން ވެސް މީހުންނަށް ސައިޒުކުރާނަމޭ ކިޔާ އިންޒާރުނުދީ މަޑު މަޑުން ތިޔަ ޕޮޓުގައި ތިޔަ ބޮޓު ސައިޒުގައި އިންނާށެވެ. އެކުން ޕޮޓެއްގައި އިން ބޮޓަކަށް އެހެން ބަޔަކު ސައިޒު ކުރެވޭނެ ކަމަށް ތިޔަ ދެކެނީ ހަމަ ނަނާ ހުވަފެނެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved