ވެއްޓުނު އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން މަގުމައްޗަށް -- / ތޭރަ އޮންލައިން
ހަބަރު
ޒުވާނުންނަށް ފިއްލަވަން ރައީސް މުއިއްޒު އާރަށަށް ވަޑައިގެންފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
23 އޭޕްރީލު 2025
މާލެ ސިޓީ

އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން، ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާ އަށް އިންސާފު ހޯދައިދީ، އެކަމުގައި ބައިވެރިވި މީހުން ހައްޔަރު ކުރަން ގޮވާލައި މިރޭ މާލޭގައި މުޒާހަރާކުރަން ފެށުމުން މުޒާހަރާގެ ބައިވެރިންނަށް ފިއްލަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އާރަށަށް ކުއްލި ގޮތަކަށް މިރޭ ވަޑައިގެންފި އެވެ.

ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ.

ޒުވާނުން އެއްވެ ޝުއޫރު ފާޅުކުރަމުން އަންނަނީ އާޓިފިޝަލް ބީޗުކައިރި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ދޮށުގަ އެވެ.

ޒުވާނުން އެކިއެކި ޝުއޫރު އަންނަނީ ފާޅުކުރަމުންނެވެ. އަދި ފުލުހުންނަށް މި މައްސަލައިގައި އަމަލުކުރާ ގޮތުން ވަރަށް ބޮޑަށް ފާޑު ވެސް އަންނަނީ ކިޔަމުންނެވެ.

މުޒާހަރައިގެ ބައިވެރިއަކު "ޗެނަލްތޭރަ" އަށް ބުނީ މުޒާހަރާކުރަން ފެށުމުން ރައީސް މުއިއްޒު މާލެ ދޫކޮށް އާރަށަށް ކުއްލި ގޮތަކަށް ދިޔަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ ޒުވާނުންގެ އަޑު އަހަން ސަރުކާރުން ބޭނުން ނުވާ ކަމުގެ ރަމްޒެއް ކަމަށެވެ.

ރައީސްގެ ދެކަނބަލުން އާރަށަށް ގިނަ އަދަދަކަށް ދަތުރުކުރާ ކަމަށާއި އެ ރަށަށް ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރާ ކަމަށް ދަނީ އަޑުފެތުރެމުންނެވެ.

މި މައްސަލައިގައި އެންމެންނާ މެދު ހަމަހަމަކޮށް އަމަލު ކުރުމަށް އެދި އެކި ކަހަލަ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބި އެ ޒުވާނުން އަޑު އުފުލަނީ އިންސާފު ހޯދައި ދިނުމަށެވެ.

ފުލުހުންގެ ޕްރެސް ސްޓޭޓްމަންޓުގައި އިންސާނުންގެ ބުއްދިން ވިސްނާ ނަމަ ވެސް ގަބޫލުކުރެވޭ ވާހަކައެއް ނެތް. ފިޒިކްސް ޑިނައިކޮށްފައި ތި ވާހަކަ ދައްކަނީ. ކިހިނެއްތޯ ފެން ލައިޓަކުން އެ ކުއްޖާ ވެއްޓޭނީ؟ ގަބޫލެއް ނުކުރެވޭ،

- މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެގޭގެ ޓެރަސްއަކީ ތަޅުލާފައި ހުންނަ ޓެރަހެއް ކަމަށާ ޓެރަސް ހުޅުވާފަިއވަނީ ފުލުހުންގެ ހާޒިރުގައި ކަމަށްވުމުން އެ އަންހެން މީހާ ވެއްޓުނީ ޓެރަހުން ނޫންކަމަށާ އަންހެން މީހާ ވެއްޓިފައިވަނީ 9 ވަނަ ފަންގިފިލާގެ ފެންލައިޓުން ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެ ދެމީހުންވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށާ ދެމީހުންގެ ކުޑަކަމުދާ ތަކެތި ވެސް މަސްތުވާ އެއްޗިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ފިރިހެން މީހާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާއިރު އަންހެން މީހާގެ ފައިނަލް ރިޕޯޓު އަދި ނުލިބޭ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މި ހާދިސާގެ ތަހުގީގަށް މިހާތަނަށް ބަލާ ފާސްކޮށްފައިވަނީ ފިރިހެން މީހާ ދިރިއުޅުނު ގެ ކަމަށާ ފިރިހެން މީހާ ފުރުންވެސް މަނާކޮށްފައިވާ ކަމަށެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މިކަމުގައި ސިޔާސީ ގޮތުން މަގާމެއްގައި ހުރި މީހަކު ފުލުހުންނަށް އެނގިގެން ނެތް ކަމަށާ ނަމަވެސް ސިޔާސީ ފަރާތްތަކުގެ އާއިލާތަކާ ގުޅުން ހުރި މީހުން މި މައްސަލައިގައި ހިމެނޭ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލު ފުލުހުން ދީފައިނުވެ އެވެ.

މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއީ ގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމުގެ ކުރިން އެ މީހުން ތިބި ކަމަށް ރޭގެ ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނި "މާލޭގެ މެދުތެރޭގައި" ހުރި ގެއަކީ ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ ގެ ކަމަށް ބުނެ އެކަން ވެސް މީޑިއާ ތަކުގައި އަންނަނީ ރިޕޯޓް ކުރަމުން ނެވެ.

އެނގިފައިވާގޮތުގައި ފުލުހުން ނަން ހާމަނުކުރި ގެއަކީ މއ. މާންދޫގޭދެކުނުގެ އެވެ. އެއީ ބުރާސްފަތި ދުވަހުގެ ރޭ 12:30 ހާއިރު ޔުމްނު އާއި އިތުރު ހަ މީހުން ދަންވަރު 3:40 ވަންދެން ތިބި ކަމަށް ފުލުހުން ބުނި ގެ އެވެ.

މި ކަމާ ގުޅިގެން އަމީން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ދިރިއުޅޭ ގޭގައި އެ ފަދަ އެއްވުމެއް ހިނގިކަން ވެސް އެނގުނީ އަނެއް ދުވަހުގެ ހަވީރު ކަމަށެވެ. އެ ކަމެއް ހިނގީ އަމީންގެ އެޕާޓްމެންޓުގައި ނޫން ކަމަށާއި، އަމިއްލަ އެޕާޓްމެންޓުގެ ބޭރުން ހިނގާ ކަންކަމަށް ބާރު ނުފޯރުވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

އަމީން ވިދާޅުވި ގޮތުގައި އެ ގެއަކީ އޭނާއާއި އޭނާގެ އެއްބަނޑު އެއްބަފައި ތިން މީހެއްގެ ގެއެކެވެ

ފޯނާއި ކެމެރާ ނުވެއްދޭ ގޮތަށް ސިއްރުކޮށްގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މިނިސްޓަރު އަމީންގެ ގެ ފިޔަވައި ޔުމްނުމެން ވަތް އެހެން ހުރިހާ ގެއެއްގެ ނަން ހާމަކޮށްފަ އެވެ. ނަމަވެސް މިނިސްޓަރު އަމީންގެ ގޭގެ ވާހަކަ ފުލުހުން ބުނީ "މާލޭގެ މެދުތެރޭގައި ހުރި" ގެއެއް ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި އަންހެން މީހާ ވެއްޓުމުގައި ފިރިހެން މީހާގެ އެއްވެސް އަތެއް ނުވާ ކަމަށެވެ. އަދި އަންހެން މިހާގެ ހާލަތު މިހާރު ރަގަޅުވަމުން އަންނަ ކަމަށާ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވެންޓިލޭޓަރުންވެސް ނަގާފައިވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved