

ބޭރު ފައިސާ ބޭންކަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ އަދަދު 40 ޕަސެންޓް އިތުރުވެފައިވާ ކަމަށް ސަރުކާރުގެ ބުނުން ތަކުން ހާމަވެ އެވެ.
ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިދިޔަ މާޗް މަހާ ހަމައަށް 150 މިލިއަން ޑޮލަރު -- 2.3 ބިލިއަން ރުފިޔާ ބޭންކުތަކަށް މާރުކޮށްފައިވެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފާހަގަކުރާ ގޮތުގައި މި ގާނޫނުގެ ނަތީޖާއެއްގެ ގޮތުން ކަޅުބާޒާރުގައި ޑޮލަރުގެ އަގު ދަށްވެ، އަވަސް ފުރުސަތެއްގައި ކަޅުބާޒާރު ހީނަރުވެގެން ދާނެ އެވެ.
ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް މަތިވެ، ގިނަ ބަޔަކު އަންނަނީ އެކަމާ ޝަކުވާ ކުރަމުންނެވެ. އެގޮތުން، ޑޮލަރުގެ އަގު 19.20 އާއި 20.00 ރުފިޔާއާ ދެމެދުގައި ވެސް މީގެ ކުރިން ހުއްޓެވެ.
ޑޮލަރު މާރުކުރާ ގްރޫޕުތަކުން ދައްކާ ގޮތުގައި މިއަދު ވެސް ޑޮލަރެއް ލިބެން ހުރީ 19.40ރ. އަށެވެ.
ޑޮލަރުގެ ކާލު ބާޒާރު ހީނަރުވާކަމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗު މަހާ ހަމައަށް 150 މިލިއަން އެމެރިކާ ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ކުރިއާ އަޅާބަލާއިރު އުންމީދު ނުކުރާފަދަ ކުރިއެރުމެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައި އެވެ. އަދި ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އެ ބަދަލު ގެނެވިފައިނުވެ އެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15:42ރ އެވެ. ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އަކީ، ޑޮލަރުގެ ތާށިކަން އަންނަ ދުވަސްވަރު ފައިސާގެ މާރުކޭޓްގެ ކޮންޓްރޯލް ހޯދޭ ފަދަ ގާބިލް އިދާރާއަކަށް ނުވާތީ، ޑޮލަރުުގެ މުއާމަލާތް ހިންގަނީ އަބަދުވެސް ކަޅު ބާޒާރުގަ އެވެ.
ޑޮލަރު މާރުކުރުމުގެ ސިޔާސަތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރިން ބުނަމުން ދިޔަ ނަމަވެސް، އޭރު ވެސް ވިޔަފާރިވެރިން ބުނަމުން ދިޔައީ ރައީސް މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން ކަޅު ބާޒާރަށް އެއްވެސް ލުޔެއް ނާންނާނެ ކަމަށެވެ.