

މިދިޔަ ހުކުރު ދުވަހު ހެނދުނު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އެ މިނިސްޓަރުންނާ ސުވާލުކުރުމަށް ނޯޓިސް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙުމަދު ނަސީމެވެ.
މީކާއިލް ވަނީ މި މައްސަލާގައި ވެއްޓިފައި އޮތް އަންހެން ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވުނުނަމަވެސް، އާންމުކޮށް އަމަލުކުރަމުން އަންނަ ގޮތާ ހިލާފަށް އެ މައްސަލާގައި ފޮރެންސިކް ތަހުލީލު ކޮށްފައި ނުވާތީ، ސޯޝަލް އެންޑް ފެމިލީ ޑިވޮލޮމްޕެންޓް މިނިސްޓަރު އައިޝަތު ޝިހާމް ހާޒިރުކުރުމަށް ވެސް ހުށަހަޅާއިފަ އެވެ.
އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް އެވެ.
މި މައްސަލާގައި ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުމުގައި މި ހާދިސާ ހިނގި ގޮތާއި ސީސީޓީވީ ފުޓޭޖުތަކެއް ދައްކާފައިވެ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އަންހެން ކުއްޖާގެ ވަނަވަރު ހާމަކުރި ނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ހާދިސާ ހިނގި ރޭ އެ އަންހެން ކުއްޖާއާއެކު ހުރި 21 އަހަރުގެ ޒުވާނަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް އޭނާ މިހާތަނަށް ހައްޔަރުކޮށްފައެއް ވެސް ނުވެ އެވެ.
ފުލުހުން ބުނި ގޮތުގައި ތަހުގީގަށް މިހާތަނަށް އެނގެނީ އެ ކުއްޖާ އަމިއްލައަށް ވެއްޓުނީ ކަމަށެވެ.
ފުލުހުން ކިޔައިދިން ގޮތުގައި ހާދިސާ ހިނގުމުގެ ކުރިން، އެ ރޭ އެ އަންހެން ކުއްޖާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ.
އެ މީހުން އެރޭ 12:30 އެހާކަންހާއިރު ގޮސް ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއަކަށެެވެ. އެ ގެއިން އެ މީހުން ނުކުތީ 3:40 އެހާކަންހާއިރެވެ. އެއަށް ފަހު، އޭގެ ތެރެއިން ހަތަރު މީހަކު 4:00 އެހާކަންހާއިރު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ކަމަށް ފުލުހުން ބުންޏެވެ.
އޭގެ 10 ވަރަކަށް މިނެޓު ފަހުން އެ ގެއިން ދެން ނުކުތީ އަންހެން ކުއްޖާއާއި، އޭނާއާ އެކު އުޅުނު ފިރިހެން ކުއްޖެކެވެ. އެ ދެ މީހުން މަގުމަތީގައި އެ ވަގުތު އުޅުނީ ވެސް ހުސްފަޔާއެވެ.
އަންހެން ކުއްޖާ ބުރުޒު މަގުގައި ހުންނަ ހ. ފެންޓެނޯއީއަށް ވަތް ފަހުން، އޭނާގެ ފަހަތުން ފިރިހެން ކުއްޖާ ވެސް ދުވެފައި ގޮސް އެގެއަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.
މި މައްސަލައިގައި ފުލުހުން ތަހުގީގު ކުރިއަށްގެންދާ ގޮތާއި މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ރޭ މާލޭގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ އިހުތިޖާޖެއް ވެސް ބާއްވާފަ އެވެ.