

މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ "ބިރަކާ ނުލާ މަޖާކުރެވެން ޖެހޭނެ ކަމަށް ޕްރޮމޯޓުކުރި މީހުން" ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވުމުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އެކި ކަހަލަ ކަންކަން ހިންގަން އުޅޭ މީހުންނަށް ފުރުސަތު ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ކުޑަދޮރަކުން އަންހެނަކު ވެއްޓުނު ހާދިސާ އާއި އެ ހާދިސާއާ ގުޅުން ހުރި ކަންތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ހިނގައިގެން އުޅެނީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.
ބިރަކާ ނުލައި މަޖާކުރުމަކީ އެމްޑީޕީގެ ކެމްޕޭންތަކުގައި އާންމުކޮށް ޕްރޮމޯޓް ކުރަމުންދާ ސިޔާސަތެކެވެ.
މިހާރު ހިނގައިގެން މިއުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއެއް. ވިސްނާލާއިރު ވެސް މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ގޮތުގައި ބިރަކާ ނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓު ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،
ރައީސްގެ މި ވާހަކަތަކަށް ރައްދު ދެއްވާ ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާނުންނާއި މުޅި ގައުމުގެ ކަންބޮޑުވުމަށް ފަރުވާލެއް ނުބަހައްޓައި ޒިންމާއިން ރެކުމަށް ކުރައްވާ މަސައްކަތް މި ގައުމުގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ.
ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގު، ޒުވާނުންނާއި މުޅި ގައުމުގެ ކަންބޮޑުވުމަށް ފަރުވާލެއް ނުބަހައްޓައި ޒިންމާއިން ރެކުމަށް ތިޔަ ކުރައްވާ މަސައްކަތް މި ގައުމުގެ ރައްޔިތުން ބަލައެއް ނުގަންނާނެ،
ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހުކުރު ދުވަހު ވެއްޓިފައި ވަނީ ހައްވާ ޔުމްނު ރަޝީދު 21، އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ރޭ ވަނީ އެރޭ ޔުމްނުއާ އެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ހައްޔަރުކޮށްފަ އެވެ.
އަދި ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި، ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެ 9 ވަނަ ފުލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންނެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ނިމުނު ދެ ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ޔުމްނުއަށް އިންސާފު ނުލިބެނީސް އެ މީހުން އިހުތިޖާޖު ކުރުން ނުހުއްޓާނެ ކަމަށެވެ.
ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓި އެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.