ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) / ޕޮލިސް
ހަބަރު
ޔުމްނު ވެއްޓުން: ރައުދުގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
25 އޭޕްރީލު 2025
މާލެ ސިޓީ

މާލޭގެ ގެއެއް ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު އަހްމަދު ޒިލާލުގެ ބަންދަށް ފަސް ދުވަސް މިއަދު ޖަހައިފި އެވެ.

ރައުދުގެ ބަންދަށް ކޯޓުން މުއްދަތު ޖެހީ ރޭ އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ޖަހައިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނުއިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުވެސް ކޮށްފައިވެ އެވެ.

ރައުދު ރޭ ހައްޔަރުކުރީ އާންމުންގެ ފާޑު ކިޔުން ބޮޑުވެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފަ އެވެ. އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް ނެތް ކަމަށާއި އެ ހާދިސާ ހިނގިއިރު ގާތުގައި ހުރީ ވެސް ރައުދު އެކަނި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ނިމުނު ދެ ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ޔުމްނުއަށް އިންސާފު ނުލިބެނީސް އެ މީހުން އިހުތިޖާޖު ކުރުން ނުހުއްޓާނެ ކަމަށެވެ.

ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓި އެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved