

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ 10.76 ޕަސެންޓު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
މާޗު 17 ގައި ބާއްވަން ތާވަލުކޮށްފައިވާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު ބުދަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، 93 އިިންތިހާބީ ދާއިރާ އަށް ވާދަކުރަން 381 ކެންޑިޑޭޓުން ފޯމް ހުށަހަޅާފައިވެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވީ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10.76 ޕަސެންޓަކީ އަންހެން ބޭފުޅުން ކަމަށެވެ. އެއީ ގާތްގަނޑަކަށް ސާޅީހަކަށް ކެންޑިޑޭޓުންނެވެ.
ހަބީބު ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީއާ މެދު ނިންމި ގޮތް އީމެއިލްގެ ޒަރީޔާއިން ފޮނުވާފައިވާނެ ކަމަށެވެ.
ކެންޑިޑެސީ ސައްހަ ނޫން ކަނޑައަޅާފައިވަނީ ކިތައް މީހުންގެ ކަމެއް އީސީ އިން އަދި ހާމައެއް ނުކުރެ އެވެ.
އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކުރަން ގުރު ނެގުން މިއަދު މެންދުރު 2:00 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.