

ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމުން ޝައިހް ހަސީނާ އިސްތިއުފާ ދެއްވީ 15 އޮގަސްޓް 2024 ގައި އެވެ. އެ ކަމަނާ އިސްތިއުފާ ދެއްވާ ވެރިކަމުން ދުރުވާން މަޖުބޫރުވި މުޒާހަރާތައް އިންތިޒާމްކުރީ ބަންގްލާދޭޝްގެ ޒުވާން ދަރިވަރުން ނެވެ.
އެކަމުގެ ވަރަށް ކުރު ހުލާސާ އެއް މި ލިޔުމުގައި ގެނެސް ދޭ ނަމެވެ.
ހަސީނާގެ އަނިޔާވެރިކަމާއި އޭނާ ވެރިކަމުގައި ރައްޔިތުންނަށް ނާއިންސާފު ފެންނާން ފެށުމުން ބަންގްލާދޭޝް ޒުވާނުންގެ ގޮވާލުމަކަށްވީ ސިވިލް ސާވިސް ވަޒީފާގެ ކޯޓާ ކަނޑައަޅާ ގޮތް ބަދަލުކުރުމަށެވެ. ސިވިލް ސާވިސް ވަޒީފާއަށް މީހުން ނަގާ ގޮތާ މެދު ހިތްހަމަނުޖެހިގެން ފެށި މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވި އެވެ. އެއާ އެކު ހަސީނާގެ އިސްތިއުފާ އަށް ގޮވައި، މުޒާހަރާގެ މިސްރާބު އެއްކޮށް ބަދަލުވި އެވެ.
މުޒާހަރާ ވަރުގަދަކޮށް "ޑިކްޓޭޓަރުގެ ވެރިކަން ނިންމަން" ގޮވަން ފަށައި ދައުލަތުގެ ޓީވީ ސްޓޭޝަނާއި ސަރުކާރުގެ އެކި އިމާރާތްތައް މުޒާހާރާގެ ޒުވާން ބައިވެރިންގެ އަތްދަށަށް ގެންދިޔަ އެވެ. އަދި މުޒާހަރާއާ ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތުން މަދަނީ ބަސްނޭހުމަކަށް ދާން ދަރިވަރުން ގޮވާލި އެވެ.
އަދި ބަންގްލާދޭޝްގައި ވަރަށް ބޮޑު އިހުތިރާމެއް ލިބިފައިވާ، ސިފައިންގެ ކުރީގެ ވެރިއަކު ވަނީ ސިފައިންނާއި ފުލުހުން މަގުތަކަށް ނުނެރުމަށާއި މުޒާހަރާއަށް ފުރުސަތު ދިނުމަށް ވެސް ގޮވާލެއްވި އެވެ.
އެސާ ހިތަކު ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ނިކުމެ މުޒާހަރާގެ ބައިވެރިންނާއި ގުޅި މުޒާހަރާގެ ބައިވެރިންގެ ގޮވާލުން ތަކުރާރު ކުރާން ފެށި އެވެ. އިސާހިތަކު މުޒާހަރާކުރާ މީހުން ހަސީނާގެ ރަސްމީ ގެކޮޅު ކައިރިއަށް އެއްވާން ފެށުމާ އެކު ހަސީނާ ފިއްލަވައިގެން ގައުމު ދޫކޮށް އިންޑިއާ އަށް ވަޑައިގަތެވެ.
އެއާ އެކު އެތައް މިލިއަން ބަޔަކު މަގުތަކަށް ނުކުމެ އުފާ ފާޅުކުރަން ފެށި. އެވެ. ބައެއް މީހުން ސިފައިންގެ ކާރުތަކާއި ޓޭންކްތަކުގެ މަތީގައި ވެސް ގައުމީ ދިދައާ އެކު ނަށައި އުފާ ފާޅުކުރި. އެވެ.
މި ހިސާބުން، ސިފައިންނާއި ފުލުހުން ވެސް މުޒާހަރާގެ ބައިވެރިން ހުއްޓުވަން ނޫޅެ ދޫކޮށްލައިގެން ތިބެން ފެށި އެވެ. މިއީ މުޒާހަރާ ފެށިގެން އައި އައިރު ފެނުނު ގޮތާ މުޅިން ތަފާތު ކަމެކެވެ.
ދެން ފެނުނީ ބަންގްލާދޭޝްގެ ސިފައިންގެ ވެރިޔާ، ޖެނެރަލް ވާކިރުއްޒަމާން ދައުލަތުގެ ޓީވީ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ހަސީނާގެ އިސްތިއުފާ އިއުލާނުކުރައްވައި އަސްކަރިއްޔާއިން ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފެށިކަން އިއުލާނުކުރެއްވި ތަނެވެ.
ބީބީސީން އެއިރު ބުނިގޮތުގައި ހަސީނާ ހެލިކޮޕްޓަރެއްގައި ވަޑައިގަތީ އިންޑިއާގެ އަގާޓަލާ ސިޓީއަށެވެ. ހަސީނާގެ އަރިސް ބޭފުޅަކު އޭއެފްޕީ އަށް ބުނި ގޮތުގައި ހަސީނާ ގައުމު ދޫކޮށް ވަޑައިގަތީ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށެވެ.
ކޮންމެ އަކަސް ބަންގާޅު ޒުވާނުން މަގުތަކަށް ނިކުމެ ކުރި ސިލްސިލާ މުޒާހަރާތަކުގެ ނަތީޖާ އަކީ ހަސީނާގެ އަނިޔާވެރިކަމުން ބަންގާޅު ސަލާމަތް ކުރުމެވެ. ޒުވާނުންގެ އަޑު ނޭހުމުގެ ނަތީޖާ އަކީ ހަސީނާއަށް އުފަން ގައުމު ބަންގްލާދޭޝް އިން ވެސް ޖާގަ ނުލިބުމެވެ.
މިއަދު ބަންގްލާދޭޝްގައި އޮތީ އިންތިގާލީ ސަރުކާރެކެވެ. ދަރިވަރުން އިސްނަގައިގެން ކުރި ބޮޑެތި މުޒާހަރާތަކަށް ފަހު ގައުމުގެ "ޗީފް އެޑްވައިޒަރު" ނުވަތަ އިންތިގާލީ ލީޑަރުގެ މަގާމަށް އައްޔަންކުރީ ނޯބެލްގެ އިނާމު ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް އެވެ.
އުމުރުން 84 އަހަރުގެ ޔޫނުސް، މުޅި ގައުމުގެ ނިޒާމު އަލުން ކޮޅަށް ޖެހުމުގެ ޒިންމާ ހަވާލުވެ، މިހާރު މަސައްކަތް ކުރައްވަނީ އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2026 އަހަރުގެ ކުރީކޮޅު ބަންގްލާދޭޝްގެ އާންމު އިންތިހާބު ބޭއްވުމަށެވެ. ވަގުތީ ސަރުކާރުން އިންތިހާބަށް ތައްޔާރުވަމުން ދާއިރު ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމުން ޝައިހް ހަސީނާ އިސްތިއުފާ ދޭން މަޖުބޫރުވި މުޒާހަރާތައް އިންތިޒާމްކުރި ދަރިވަރުން މިހާރު އަންނަނީ ސިޔާސީ ޕާޓީއެއް ހަދަން ނިންމައި އިންތިހާބުގައި ވާދަ ކުރަން ވެސް ތައްޔާރު ވަމުން ނެވެ.
ސްޓޫޑެންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަންގެ ނަމުގައި މަސައްކަތްކުރާ ގްރޫޕްގެ ބައެއް މެންބަރުން މިހާރު ވެސް ވަގުތީ ސަރުކާރުގެ ކެބިނެޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި، ޓެލެކޮމްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ނާހިދު އިސްލާމް އާއި ސްޕޯޓްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އާސިފް މަހުމޫދާއި ސްޕެޝަލް އެޑްވައިޒަރު މަހުފޫޒް އަލަމް ހިމެނެ އެވެ.
މިއީ އިންގިލާބެއް. ޒުވާން ދަރިވަރުން ގެނައި އިންގިލާބެއް،.... އެކަމުގައި އެއްވެސް ޝައްކެއް ނެތް. އެއީ އެކަމުގެ ސަބަބުން މުޅި ސަރުކާރު ހުއްޓުމަކަށް ގެނައީތީ.
ބަންގާޅުގެ ސިޔާސީ މަޝްރަހު ފުޅޮޅިގެން ދިޔައީ ވަރަށް ޝައުގުވެރި އަދި ޒުވާނުންގެ ބާރުވެރިކަން ފެނި ގެނެވެ. މިއަދު ރާއްޖޭގައި ވެސް މި ފެންނަނީ އެ މަންޒަރެވެ. ޒުވާނުން އެމީހުންގެ ހައްގުތައް ހޯދަން އަޑު އުފުލަން މަގުތަކަށް ނިކުމެއްޖެ އެވެ. ޒުވާން އަންހެން ކުއްޖެއް ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ނުރުހުންވެ، އިންސާފު ހޯދުމަށް ޒުވާނުން މަގުމައްޗަށް ނިކުމު މަގުތައް ފުރާލައިފި އެވެ.
ދިވެހި ޒުވާނުން މިއަދު ބުނަނީ "އަހަރުމެންގެ އަޑު ނީވެންޏާ އަހަރުމެންނަކަށްވެސް އަޑެއް ނީވޭނޭ،" ކަމަށެވެ.
ތެދެކެވެ. ހަސީނާގެ ސަރުކާރުން ޒުވާނުންގެ އަޑު ނޭހުމުގެ ނަތީޖާ އަކަށް ވީ އެގައުމުގެ ޒުވާނުން ހަސީނާގެ އަޑުވެސް ނޭހުމެވެ. ރާއްޖެއިން ވެސް އެ މަންޒަރު ތަކުރާރުވުން ދާދިގާތެވެ. ވެއްޓުނު އަންހެން މީހާއަށް އިންސާފު ނުލިބެނީސް ދިވެހި ޒުވާނުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިލެއްވިޔަސް އިހުތިޖާޖު ކުރުން ދެން ނުހުއްޓާނެ އެވެ.