

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އަރުވަން ނިންމާފައިވާ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ނުދިނުމަށް، އެ ޔުނިވާސިޓީން ކިޔަވާފައިވާ ދިވެހި ދަރިވަރުންގެ ޖަމްއިއްޔާ އިން އެދިއްޖެއެވެ.
އަންނަ އާދީއްތަ ދުވަހު ރައީސް މުއިއްޒު މެލޭޝިޔާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ބޮޑުވަޒީރު އަންބަރު އިބްރާހީމްގެ ދައުވަތަކަށެވެ.
އެ ޒިޔާރަތުގެ ތެރެއިން މެލޭޝިޔާގައި ހުންނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއަށް ވަޑައިގެން އެމަނިކުފާނު ތަގުރީރު ކުރައްވާނެ އެވެ. އަދި ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަން ދިނުމަށްވެސް އެ ޔުނިވާސިޓީން ވަނީ ނިންމާފަ އެވެ.
އެކަމާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަދި އެ ޔުނިވާސިޓީން ތައުލީމް ހާސިލް ކުރެއްވި ޑރ މުހައްމަދު ޖަމީލް އަހްމަދުވަނީ ސިޓީއެއް ފޮނުއްވާފަ އެވެ.
އެ ސިޓީގައި ރައީސް ޑރ މުއިއްޒު ގެންދަވަނީ ރާއްޖޭގެ ކޮންސްޓިޓިއުޝަނަލް ނޯމްސް އަށް އުނިކަން ގެންނަމުންކަމަށް ފާހަގަކޮށްފައިވެއެވެ. ރައީސް އިސްކޮށް ހުންނަވާ ގާނޫނަށް ގެނުވި އިސްލާހުތަކުގެ ސަބަބުން ލެގިސްލޭޗަރ ބްރާންޗްގެ މިނިވަންކަން ވަރަށް ބޮޑަށް ގެއްލުވާލާފައިވާކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވި އެވެ.
މިދެންނެވި އިސްލާހުތަކުގެ ރާއްޖޭގެ ކޮންސްޓިޓިއުޝަނަލް ބެހޭ ގޮތުން ސުޕްރީމް ކޯޓުން މައްސަލަ ބަލަން ފެށުމުން 3 ޖަސްޓިސުން ސަަސްޕެންޑް ކުރިކަމަށް އެމަނިކުފާނުގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.
އަދި އޭގެ ސަބަބުން ޝަރުއީ ދާއިރާ، ހާއްސަކޮށް ސުޕްރީމް ކޯޓު ވަރަށް ބޮޑަށް ބަލިކަށިވެ، ކޮމްޕްރޮމައިޒްވެފައިވާކަމަށް ޑރ ޖަމީލް ވިދާޅުވި އެވެ.
އަދި އދ.ގެ ސްޕެޝަލް ރެޕަޓުއަރ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖްސް އެންޑް ލޯޔަރސް އިން ވަނީ މިއީ އެގްޒެކެޓިވް އޯވަރރީޗްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ، ފިއުލް ސަޕްލައި މޯލްޑިވްސް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ނާޖާއިޒު ފައިދާ ތަކެއް ހޯދާފައިވާ ކަމަށް މިނިވަން މީޑިއާތަކުން ރިޕޯޓުކުރާކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވި އެވެ. ޑރ.މުޢިއްޒުގެ ޒަޢާމަތުގައި ދެފުށް ފެންނަ ގޮތާއި ޖަވާބުދާރީ ކުރުވުމާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާކަމަށް އެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.
މީގެ އިތުރުން ޑރ.މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް މަގުފަހިވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ތާއީދާއެކު ކަމާއި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޑރ.މުޢިއްޒު ވަނީ ރައީސް ޔާމީން މިނިވަންކުރެއްވުމަށް ވެވަޑައިގެންނެވި ވައުދު ފުނޑާލައި، އޭގެ ބަދަލުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާ ކުރިއަށް ގެންދިއުމަށް ފުރުޞަތު ދެއްވާފައިވާކަން ވިދާޅުވިއެވެ. އަދި އެއީ އެތިކަލް ލީޑާޝިޕާ ޚިލާފު ކަމެއް ކަމަށް ޑރ ޖަމީލް ސިފަ ކުރެއްވި އެވެ.
ޑރ.މުއިއްޒުގެ ސަރުކާރުން އިސްލާމްދީނުގެ އަސާސްތަކާއި ސީދާ ޚިލާފުވާ ފިޔަވަޅުތައް އަޅައިފައިވާކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަމޯއާ އެއްބަސްވުމުގައި ސޮއިކޮށް ތަސްދީގު ކުރުން ހިމެނެ އެވެ. އެގޮތުން ޖިންސީ ގުޅުން ހިންގުމާއި، ދީނީ މިނިވަންކަން ދެމެހެއްޓުމަކީ އެ އެގްރީމެންޓްގައި ހިމެނޭ މާއްދާތަކެވެ.
މީގެ އިތުރުން އދ.ގެ މިނިވަންކަމަށް ބާރުއެޅުމަށް އދ.ގެ ގަރާރަށް ތާއީދުކޮށް ސަރުކާރުން ދާދިފަހުން ވަނީ ވޯޓު ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ.
އެހެން ކަމުން ޑރ ޖަމީލް އެދިވަޑައިގަތީ އައިއައިޔޫއެމްގެ ޝަރަފަށް ޓަކައި ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަން ދިނުމާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށެވެ.
ޑރ ޖަމީލް މިފަދައިން އައިޔޫއެމަށް ސިޓީއެއް ފޮނުވާފައިވާއިރު އެ ޔުނިވާސިޓީން ކިޔެވި ސަސްޕެންޑް ކުރި ފަނޑިޔާރު ސުއޫދުވެސްވަނީ އެފަދައިން އެދި އައިޔޫއެމަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ސުއޫދުވެސް އެދިވަޑައިގަތީ އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް މުއިއްޒަށް ދިނުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖާކޮށްދިނުމަށެވެ.