

"ބުނި ބަސް" ސެގްމެންޓްގައި މިއަދު މިބަލާލަނީ 29 ސެޕްޓެމްބަރު 2021 ވަނަ ދުވަހު މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓް އަކަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރީގެ މާވަށު ދާއިރާ ތަމްސީލު ކުރައްވާ، އަދި ރައީސް ޔާމީން ވެރިކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ފަރުވާކުޑަކަމުން މިހާރު ވެސް އެތައް ކަމެއް ހައްލު ނުކުރެވި އެބަހުރި ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެވަނަ ރަންވޭ އާއި ވީއައިޕީ ޓާމިނަލާއި ސީޕްލޭން ޓާމިނަލް ފަދަ މުހިއްމު އެތައް ތަނެއްގެ މަސައްކަތް [ރައީސް އަބްދުﷲ ޔާމީންގެ ސަަރުކާރުން] ނިންމާފައި ރިބަން ކަނޑާލަން ދިނީމާ އެކަން ވެސް ނުވި،
ޝަންގްރިއްލާ ރިސޯޓް އޮގަސްޓް 2021 ގައި ބަންދުކުރީ ކޮވިޑް-19 ގެ ދުވަސްވަރު ކުރިމަތިވި އިގުތިސާދީ ދަތިތަކާ ގުޅިގެންނެވެ. އޭގެ ފަހުން އެ ރިސޯޓު ހުޅުވޭނެ އެއްވެސް މަގެއް މިހާތަނަށް ދެއްކިފައެއް ނުވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނީ، ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ތަފްސީލީ ރޯޑު މެޕެއް ހުޅުވާލައި، އަވަސް މުއްދަތެއްގެ ތެރޭގައި އެ ރިސޯޓުގެ އޮޕަރޭޝަންތައް ފަށަން ޝަންގްރިލާ އިން އެއްބަސްވެފައިވާ ކަމަށެވެ.
ޝަންގްރިއްލާ އަވަސް މުސްތަގްބަލެއްގައި ހުޅުވާ ހިދުމަތް ދޭން ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ނިމުނު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑުއަށް ވަޑައިގެން ހުޅުދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އައްޑުއަށް އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތީ ގެދޮރުވެރިކަމާ އެކު ޓޫރިޒަމް ފުޅާކޮށް، ވަޒީފާ އިތުރުކޮށް، އިގްތިސާދީ ވަރުގަދަ ހަރަކާތްތައް ހިންގުން ކަމަަށެވެ. އޭނާގެ ސަރުކާރެއްގައި އެކަން ހަގީގަތަކަށް ހައްްދަވައިދެއްވާނެ ކަަމަށް މުއިއްޒު ވިދާޅުވި އެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަކީ ގަން އިންޓަނެޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ގާތްގަނޑަކަށް ފަސް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ. އެ ތަން އޭރު މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ.
އައްޑު އަކީ ގިނަ އަދަދަކަށް ގެސްޓްހައުސް ވެސް ހުރި ތަނެކެވެ. ނަމަވެސް ދިވެހި ދައުލަތުގެ މާލީ ހާލަތު ގޯސްވެ މުޅި ގައުމުގެ އިގްތިސޯދު ހީނަރުވުމާއި ގުޅިގެން އެތަންތަން ބަންދުކުރަން ޖެހުމުން އައްޑޫގެ އިގުތިސާދަށް ވެސް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައިވެ އެވެ. އެގޮތުން އައްޑޫގެ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ 500 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ ހާލުގައި ޖެހިފަ އެވެ.
ނަމަވެސް މިއަދު "ވަމުންދާގޮތް" ބައްލަވާށެވެ. ސައީދު ވިދާޅުވާ "ބުނި ބަސް" ދިމަލެއްނުވި އެވެ.! މިއަދު އިއްތިފާގުން ވެރިކަމުގައި މި ތިއްބެވީ ސައީދުގެ ޓީމް އެވެ. އިކޮނޮމިކް މިނިސްޓަރަކީ ސައީދު އެވެ. ސަރުކާރަށް 17 މަސްވީ އެވެ. އައްޑޫ ރައްޔިތުންގެ އުންމީދު ހާސިލްނުވެ ޝަންގްރިއްލާ ނުހުޅުވި ދިގުލައިގެން އެ ދަނީ އެވެ. ހައްލެއް ނުލިބެ އެވެ. މިހާރު ފަރުވާ ކުޑައީ "ރައީސް މުއިއްޒު ސަރުކާރު" ތޯ އެވެ.
އޮޕަރޭޝަން މެދުކަނޑާލާފައިވާ އައްޑޫގެ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ ހުޅުވޭނެ އިރެއް ނޭނގޭ ކަމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް މިފަހުން ވަނީ ވިދާޅުވެފަ އެވެ.