ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާ މަނިކު / ސޯޝަލް މީޑިއާ
ހަބަރު
ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ހާއްސަ ކޮމިޝަނެއް އެކުލަވައިލުމަށް އެދެފި
Hussain Nawaf
ހުސައިން ނަވާފް
27 އޭޕްރީލު 2025

ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް އެ މައްސަލަ ތަހުގީގު ކުރަން ހާއްސަ ކޮމިޝަނެއް އެކުލަވައިލުމަށް ޒަކިއްޔާގެ އާއިލާގެ ފަރާތުން އެދެފިއެވެ.

ޒަކިއްޔާގެ އާއިލާގެ ފަރާތުން އައިމިނަތު ޝަޒިއްޔާ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ފަރާތުން ބޮޑެތި އިހުމާލުތަކެއް ފެނިފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމުގެ ބަދަލުގައި ފުލުހުން އުޅެނީ ކަންކަން ފޮރުވަން ކަމަށް ވެސް އާއިލާއިން ބުންޏެވެ.

އެހެންކަމުން، އާއިލާއިން އެދެނީ އެ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް ފުލުހުން ތަހުގީގު ހިންގި ގޮތުގެ އިންކުއަރީއެއް ހަދައި ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ކޮމިޝަނެއް އުފައްދަން ކަމަށް ވެސް އާއިލާއިން އިލްތިމާސް ކުރިއެވެ.
ޒަކިއްޔާގެ މަރަށް 200 އެތައް ދުވަހެއް ވެފައިވާއިރު އަދިވެސް ތަހުގީގު ވަކި ކޮޅެއްގައި ނުޖެހެއެވެ. ނަމަވެސް ޒަކިއްޔާގެ މަރުގެ ހާދިސާގައި ހެކި ރައްކާތެރި ކުރުމާ ސީން ރައްކާތެރި ކުރުމުގައި އަދި ޒަކިއްޔާގެ ހަށިގަނޑާ މެދު އަމަލުކުރި ކުރުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ފުލުހުްނގެ ވަޒީރުވެސް ގަބޫލުކުރާއިރު އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅާ އޮތުން އެއީ ހޮޅުދޫގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
އަދި ވަކި ބަޔަކު ބުނާ ބުން ފުލުހުން ގަބޫލުކޮށް ވަކި ބަޔަކު ބުނާ ބުނުން ފުލުހުން ގަބޫލުނުކުރުމަކީވެސް މި މައްސަލައިގައި ފުލުހުން ވަކި ކޮޅަކަށް ޖެހިފައިވާވުމުގެ ހެއްކެއް ކަމަށް އެ ރަށު ރައްޔިތުން ހާމަކުރެއެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން އެއީ އަމިއްލައަށް މަރުވި މަރުވުމެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް ފުލުހުން ވަނީ މީގެ ކުރިން ވާހަކަދައްކާފައެވެ. އެގޮތުން ފުލުހުން ޒަކިއްޔާގެ މަރާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި ބުނެފައިވަނީ، މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށެވެ. އަދި ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved