

ސަސްޕެންޝަންގައި ބައިތިއްބާފައި ތިބި ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ބާއްވަން ކުރިން އެޖެންޑަކުރި ބައްދަލުވުން ކެންސަލްކޮށްފިއެވެ.
އަޒްމިރާލްދާ އާއި މަހާޒު ސަސްޕެންޝަންގައި ހުންނަވާތާ މިއަދަށް 60 ދުވަސް ވެފައިވާއިރު، ރައީސް މުހައްމަދު މުއިއްޒުގެ ލަފާފުޅާ އިރުޝާދުގެ ދަށުން އެ ދެ ފަނޑިޔާރުން ސަސްޕެންޑްކޮށް މައްސަލަ ބަލާ އެ ފަނޑިޔާރުން ވަކިކުރަން ނިންމާ ދެ ފަނޑިޔާރުންނަށްވެސް ވަނީ ފައިނަލް ރިޕޯޓު ފޮނުވާފައެވެ. ނަމަވެސް ރިޕޯޓުގައި ބަޔާން ކޮށްފައިވަނީ ސަސްޕެންޑުކުރުމަށް ދެއްކި އުޒުރު ނޫން ކަމަށް ވެއެވެ.
ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ނިންމާ ނިންމުމާ މެދު ގޮތް ނިންމަން މިރެއަށް ބައްދަލުވުމެއް ކުރިން އެޖެންޑާ ކުރި ނަމަވެސް ސަބަބެއް ވެސް އެންގުމަކާ ނުލާ ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.
ބައްދަލުވުމުގައި ވަކީލަކު ބޭނުންކޮށްގެން ވާހަކަ ދެއްކުމުގެ ފުރުސަތެއްގެ އިތުރުން ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި މައްސަލައަށް ގޮތެއް ނިންމުމަށް ވެސް އަޒްމިރާލްދާގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ. ނަމަވެސް އެކަމަށް ޖަވާބެއް ދީފައިނުވެއެވެ.
އޭގެ އިތުރުން އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ބުނެ ރިޕޯޓު އެކުލަވައިލި ޖޭއެސްސީގެ ކޮމިޓީގައި ތިބި މެންބަރުން މިރޭގެ ބައްދަލުވުމުގައި ބައިވެރި ނުވާންވެސް އަޒްމިރާލްދާ އެދިވަޑައިގެންނެވިއެވެ.
ފަނޑިޔާރުން ވަކި ކުރަން ނިންމި ކޮމިޓީގައި ހިމެނެނީ މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އާއި އަލީ އަބްދުއްލަތީފެވެ.
އޭގެ ތެރެއިން ނާސިހާއި ޔަޒްމީދަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ދެ ބޭފުޅުންނެވެ. އޭގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް އެ ކޮމިޓީގައި މަސައްކަތް ކުރެއްވިއެވެ.
އަޒްމިރާލްދާ މަގާމުން ވަކިކުރަން ސަރުކާރުން ބޭނުންވެއެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މަސައްކަތް ކުރިއަށްދަނީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުންނެވެ.
މި ކޮމިޓީން ޑރ. އަޒްމިރާލްދާ އަދި މަހާޒް ވަކިކުރަން، ހިންގި ތަހުގީގަށް ބަޔާންދިން އެއްވެސް މީހަކު، އެ ދެ ފަނޑިޔާރުންގެ ސުކޫލީ މައްސަލައެއް ސާބިތުވާފަދަ އެއްވެސް ބަޔާނެއް ދީފައި ނުވިނަމަވެސް އެ ކޮމިޓީން ނިންމާފައިވަނީ ފަނޑިޔާރުން ވަކިކުރާށެވެ.
އަޒްމިރާލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތައް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެދުނު ނަމަވެސް އެ ފުރުސަތު ނުދޭން ޖޭއެސްސީ އިން މީގެ ކުރިން ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި، ދެ ފަނޑިޔާރުންގެ މަގާމު އިޔާދަ ކުރުމަށް ހިއުމަން ރައިޓްސް ވޮޗް ވަނީ ގޮވާލައިފައެވެ.
ފަނޑިޔާރުން ސަސްޕެންޑުކުރީ ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް ބެލޭ ކަމަށް ބުނެ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.