

ރައީސް ޑރ މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވަން އުޅުނު މޯލްޑިވިއަން ސްޓޫޑެންޓް އެސޯސިއޭޝަން އޮފް މެލޭޝިޔާ އިފުތިތާހު ކުރުމުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
މި ޖަލްސާ ކެންސަލްކޮށްފައިވަނީ ދަރިވަރުން އެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމުމާއި ގުޅިގެންނެވެ.
މެލޭޝިޔާގައި ކިޔަވާ ދަރިވަރުންގެ ޖަމިއްޔާ އިފުތިތާހު ކުރުމުގެ ޖަލްސާ ބާއްވަން ރާވަފައި އޮތީ މިއަދެވެ. އެ ޖަލްސާ ބާއްވަން ރޭވީ ގްރޭންޑް ހަޔަޓް ހޮޓެލުގައިކަން ފާހަގަ ކުރެވެއެވެ.
އެ ޖަލްސާ ބޮއިކޮޓް ކުރަން ދަރިވަރުން ނިންމީ، އުސް އިމާރާތަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމުވި ހައްވާ ޔުމްނު ރަޝީދު ގެ މައްސަލައިގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތުންނެވެ.
އެ ޖަލްސާ ކެންސަލްކޮށްފައިވާކަން އިންޓެރިމް މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން އޮފް މެލޭޝިޔާއިން ވަނީ މިހާރު ހުރިހާ ދަރިވަރުންނަށް އަންގައިފައެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި ސިޔާސީ ބައެއް ބޭފުޅުންގެ ނުފޫޒު އޮތްކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގޭގައި އެރޭ ޔުމްނުއާއި ރައީސް އޮފީހުގެ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި އިތުރު ބަޔަކު މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފައިވާތީއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި ނުވަ މީހުން ހިމެނޭ ގްރޫޕަކުން ހާދިސާ ހިނގި، މި މަހު 17 ވަނަ ދުވަހުގެ ރޭ ފުރަތަމަ ދިޔައީ މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅަށެވެ. އެ ގޭގައި "ޕާޓީކުރި" މީހުންގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ކިޔައި ދެ މީހަކު ވެސް ހިމެނެއެވެ.
ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ވަނީ މޭލޭޝިއާއަށް ގެންގޮސްފައެވެ. އިމާރާތުގެ ކުޑަދޮރުން ޔުމްނު ވެއްޓުނުކަމަށް ބުނާ މައްސަލައިގައި، އޭނާއާ އެކު އެ ރޭ އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
އަދި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ވަނީ މަގާމުން ވަކިކޮށްފައެވެ.
މީގެއިތުރުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. މި ދެ ފަރާތަކީ ވެސް އެރޭ ޕާޓީގައި ބައިވެރިވި ދެމީހުންނެވެ.
އެ ރޭ ޔުމްނު އާއި އެކު ޕާޓީ ކުރީ ރައުދު އަހުމަދު ޒިލާލް، އައިޝަތު ލަޔާލީ އިގުބާލް، އިޒްދިޔާން މުހައްމަދު މައުމޫން، ޔޫސުފް އަހްމަދު އަކްރަމް، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، އާމިނަތު ޖުނައިދާ ޖަމްޝީދު، ހުސައިން ހަމީސް އަލީގެ އިތުރުން އިޖާޒު ޖާއިޒްކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.