ރައީސް މުއިއްޒުއެވެ. ފޯނު އަތުން ދޫކޮށް، ގައުމު ހިންގަވާށެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
ރައީސް މުއިއްޒުއެވެ. ފޯނު އަތުން ދޫކޮށް، ގައުމު ހިންގަވާށެވެ.
28 އޭޕްރީލު 2025
މާލެ ސިޓީ

ދާދި ފަހުން މާލޭގައި އަންހެނަކު ފުރާޅެއްގެ މައްޗަށް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގެ ކަންކަން ހިއްސާކޮށް ބަލާ ދިރާސާ ކުރަން ސަރުކާރުގެ ތެރޭގައި މަސައްކަތްކުރާ ވަރަށް ގާތް އެކުވެރިޔަކާ އެކު ކޮފީއަކަށް އެރީމެވެ. އެ ކޮފީގައި އެކި ވާހަކަތައް ބަދަލުކުރުމަށް ފަހު އެކުވެރިޔާ ބުނި އެއް ވާހަކައަށް ވަރަށް ސަމާލުކަން ދެވުނެވެ. އެއީ ރައީސް މުހައްމަދު މުއިއްޒުގެ ަބއެއް އަމަލުފުޅުތައް ހުންނަވާ ގޮތުގެ ވާހަކައެވެ.

އެގޮތުން ރަހުމަތްތެރިޔާ ބުނި ގޮތުގައި ރައީސް މުއިއްޒަކީ ނުހަނު އަވަހަށް ޕެނިކުވާ އަދި ކަންކަމުގައި ވަރަށް އަވަހަށް ފިޓަށްދާ ބޭފުޅެކެވެ. ގައުމުގައި ކަމެއް ހިނގާ އިރަށް އެމަނިކުފާނުގެ ރިއެކްޝަން އެހާ އަވަހީވެސް އެހެންވެ ކަމަށް އެ ރަހުމަތްތެރިޔާ ކިޔާދިނެވެ.

އިއްތިފާގުން މި ރަހުމަތްތެރިޔާއަކީ ރައީސް މުއިއްޒުގެވެސް އަރިސް ބޭފުޅެއްކަމުން ރައީސް މުއިއްޒުގެ ކަންކަން ނުހަނު ރަގަޅަށް މި ރަހުމަތްތެރިޔާއަށް އެނގެެވެ.

ރަސްމީ ދުވަސް ދުވަހުވެސް އޮފީހަށް ވަޑައިގެން އެންމެ ފުރަތަމަ ފުރަތަމަވެސް ބައްލަވަނީ ފޯނުކަމާ ސޯޝަލް މީޑިޔާގައި އެމަނިކުފާނާ އަދި އަރިސް ބޭފުޅުންގެ އިތުުރުން ސިޔާސީ މުވައްޒަފުންނާ ގުޅޭ ގޮތުން ކޮށްފައި ހުންނަ އެކި ޒާތްޒާތުގެ ޕޯސްޓުގައި އެމަނިކުފާނުގެ ރިއެކްޝަން ނުހަނު އަވަސްކަމަށްވެއެވެ.

އެގޮތުން ޚާއްސަކޮށް ޓްވީތަރ ފަދަ މީސް މީީޑިޔާގެ ހޭންޑްލްތަކުގައި ސިޔާސީ މީހުންގެ ކަންކަމަށް ޖަހާފައި ހުންނަ ޕޯސްޓުތަކަށް ވެސް ރައީސް މުއިއްޒު ރިއެކްޓުކުރައްވާ ވަރު އަވަސްކަމުން ލިބޭ ޑެމޭޖު ބޮޑުކަމަށް އެ ރަހުމަތްތެރިޔާ ކިޔައިދިނެެވެ.

ރައީސް މުއިއްޒު އެކަންކަން އެ ކުރައްވަނީ ހިތުން ރައްޔިތުންގެ ފާޑުކިޔުމުން ބަރީއަވެވަޑައިގަންނަވަން ކަމަށްވީ ނަަމަވެސް އޭގެ ސަބަބުން އެކުގައި މަސައްކަތްކުރާ އެހެން މީހުންނަށް އެކަމުގެ ގެއްލުމާ އުނދަގޫވާ ކަމަށް ރަހުމަތްތެރިޔާ ކިޔާދީފައިވެއެވެ.

މި ރަހުމަތްތެރިޔާއަކީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައިވެސް ސަރުކާރުގެ ތެރެއިން ވަރަށް ގިނަ މަސައްކަތްކުރައްވާފައި ހުރި މީހަކަށްވުމުން އޭނާ ވަނީ ރައީސް ޔާމީންގެ އަމަލުފުޅުތައްވެސް ހަނދާނަށް ގެނެސެފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ރައީސް ޔާމީންގެ ސަޅި ތަންކޮޅަކީ މީހުން ކިޔާ އެއްޗަކަށް ބެލުމެއް ނެތި ގައުމު ހިނގުމުގައި ކުރިއަށް ވަޑައިގަތުމެވެ. ޓްވިޓާރ އާ ފޭސްބުކް ހާވަން އޮފީހުގައި ވަގުތު ބޭކާރު ނުކުރައްވާ ގައުމީ މަސައްކަތައިގެން ކުރިއަށް ވަޑައިގަތުމަކީ ރައީސް ޔާމީންގެ ގަޓުކަން ކަމަށް އެ ރަހުމަތްތެރިޔާ ބުނެފައިވެއެވެ.

އެހެންކަމުން އޭނާ ސިފަކުރި ގޮތުގައި ފޯނާ ކުޅެން އޮފީހުގައި އިންނަވައިގެން ރައީސް މުއިއްޒަށް ގައުމު ނުހިންގެވެ. ކިރިޔާ ސޯޝަލް މީޑިޔާގައި ހުންނަ ޕޯސްޓުތަކަށް ރިއެކްޓުކޮށްލެވެނީއެވެ. ރައީސް މުއިއްޒުއެވެ. ގައުމު ހިންގުމަކީ ވެސް ހުނަރެކެވެ. އަދި ފޯނާ ކުޅުއްވަން އިނދެގެން ގައުމު ނުހިންގޭނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved