ރިޒާގެ މައްސަލަ ފައިލު ކުރީ މައްސަލަ ކުރިއަށް ނުގޮސް ލަސްވާ ލަސްވުން ކޯޓުގައި ޖަސްޓިފައި ކޮށްނުދެވިދާނެތީ ކަމަށް ދައުލަތުން ވަނީ ބުނެފައި / ސޯޝަލް މީޑިއާ
ހަބަރު
ދައުލަތުން ދިން އިރުޝާދާ އެއްގޮތަށް ފުލުހުން އަމަލުނުކުރާތީ ކުރިކު ރިޒާގެ މައްސަލަ ފައިލްކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
28 އޭޕްރީލު 2025
މާލެ ސިޓީ

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކުރާ ދައުވާތަކާ އެކު މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް އަހުމަދު ކުރިކު ރިޒާވުމުގެ ކުށުގެ ދައުވާ އުފުލި ނަމަވެސް އެ ދައުވާ އަނބުރާ ގެންގޮސް ދައުލތުން އެ މައްސަލަ ފައިލްކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ މިއަދު މި މައްސަލައިގައި ހިމެނޭ އެއް ޚަސްމުކަމަށްވާ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބާއްވަމުން ދިޔަ ވަގުތު އެކަމާ ގުޅޭ ގޮތުން ދައުލަތުން ހާމަކުރި ކުރުމުންނެވެ.

އެގޮތުން މި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ޔާމީންގެ ދިފާއީ ވަކީލު ހަމްޒާ ލަތީފް ވަނީ ރިޒާގެ ބަޔަށް ވީ ގޮތް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ފުރަތަމަ އަނބުރާ ގެންދިޔައީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެއްކެއް ކަމަށްވާ އޯޑިއޯއެއް ތަހުލީލު ކުރުމަށް ކަމަށެވެ. އެއީ، ރައީސް ޔާމީން ފްރޭމުކުރުމަށް ވަކި ގޮތަކަށް ހެކި ބަސް ދޭން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ރިޒާއަށް ހުށަހެޅުންތަކެއް ހުށަހެޅި ކަމަށް ރިޒާ ބުނާ އޯޑިއޯއެކެވެ. އެއީ ރިޒާ ހުށަހެޅި ހެއްކެކެވެ.

ޝަފީއު ވިދާޅުވީ އޯޑިއޯއާ ގުޅޭ ތަހުލީލު ދައުލަތުން އިރުޝާދު ދިން ގޮތަށް ފުލުހުންނަށް ކުރެވިފައިނުވާ ކަމަށެވެ. އަދި އެ ތަހުލީލު އެގޮތަށް ނުކުރެވި ދިގުލައިގެން ގޮސްފައިވަނިކޮށް ދައުވާ ރިވިއުކޮށްދޭން އެދި ރިޒާގެ ފަރާތުން އެ އޮފީހަށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ

މިދިޔަ އޮކްޓޯބަރު މަހު މައްސަލަތައް ރިވިއު ކުރުމަށް ޕީޖީ އޮފީހުން ހުޅުވާލުމުން ރިޒާގެ ފަރާތުން ރިވިއުކޮށްދިނުމަށް ހުށަހެޅިކަމަށް ޝަފީއު ފާހަގަކުރެއްވިއެވެ. މައްސަލަ ރިވިއު ކުރިއިރު މައްސަލައިގެ ޝަރީއަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާތީ އެއީ ދައުލަތުގެ ފަރާތުން ކޯޓަށް "ޖަސްޓިފައި" ކޮށްދެވޭނެ ކަމަކަށް ނުވާތީ މައްސަލަ ފައިލް ކުރީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޒާގެ ބައި ފައިލް ކުރުމުން، އެ އޯޑިއޯ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅުމަށް ޔާމީންގެ ފަރާތްޕުޅުން މިއަދު ޝަރީއަތުގައި ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް ގާޒީ އަލީ ނަދީމް ނިންމެވީ އެ ފުރުސަތު ނުދެއްވުމަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved