

ރާއްޖެއިން ސިއްހީ ހިދުމަތް ހޯދުމަށް ކުރަންޖެހުނު މަސައްކަތުގެ ތަޖުރިބާ މީހަކުވަނީ ސޯޝަލް މީޑިޔާގައި އިއްޔެ ވަނީ ހިއްސާކޮށްފަ އެވެ.
އިބްރާހިމް ފަރީދު ބުނީ ދިރިއުޅުމުގެ ކަންކަން ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ މީގެ ކުރިން އެނާ ކޮށް އުޅުނު ކަމެއް ނޫން ކަމަށެވެ. އެކަމަކު އިއްޔެ ވަރަށް ތަފްސީލުކޮށް އޭނާ ކިޔައިދިނީ އަންހެނުންގެ ދަތް ނަގަން ޖެހި، އެ ނަގަން ކުރަން ޖެހުނު ހަނގުރާމަ އެވެ. ބޭނުމަކަށްވީ ރާއްޖޭގެ ބޭސްފަރުވާގެ ނިޒާމު އޮތް ގޮތް ކިޔައިދީ، ހާލަތު ބަދަލު ކުރެވޭތޯ ބެލު މެވެ.
ފަރީދު ކިޔައިދިން ގޮތުގައި އައިޖީއެމްއެޗުން ގުޅީ އާދައިގެ ދަތުގެ ޑޮކްޓަރަކަށް ދައްކާށެވެ. އެ ޑޮކްޓަރު ބެލުމަށް ފަހު އެންގީ ދަތުގެ އޮޕަރޭޝަން ޑޮކްޓަރަކަށް ދައްކާށެވެ. އެ ކަމާ ދިޔައިރު، އެ ހޮސްޕިޓަލުގައި ހުރީ ދަތުގެ އޮޕަރޭޝަނުގެ އެންމެ ޑޮކްޓަރެކެވެ. ވެއިޓިން ލިސްޓުގައި 800އަށްވުރެ ގިނަ މީހުން ތިބި ކަމަށް އައިޖީއެމްއެޗާ ހަވާލާދީ އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދަތުގައި ރިއްސާތީ، އަންހެނުންނަށް ނުކެވޭތާ މަސްދުވަހަށްވުރެ ގިނަ ދުވަސްވިއެވެ. ރާއްޖެއިން ފަރުވާ ކުރެވޭނެ ހަމަ އެއްގޮތެއް ވެސް ނެތިގެން، އެންމެ ފަހުން އޭނާ ދިޔައީ އަންހެނުންނާއި ދެ އަހަރުގެ ކުޑަ ދަރިފުޅު ގޮވައިގެން ސްރީލަންކާއަށެވެ.
މިއީތޯ ހިލޭދޭ ބޭސްފަރުވާ އަކީ؟ އަހަރެމެން މުޅި އަހަރު ގަނަ ތެޅިގެން އެއްކުރި ލާރިކޮޅު ހަރަދު ކުރަން މިޖެހެނީ ސަރުކާރުން ހިލޭ ސާބަހަށް ކޮށްދެމޭ ބުނާ ކަންކަމަށް،
މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގައި ރައްޔިތުންނަށް ހުރި ދަތިތަކުގެ ވަރަށް މަދު މިންވަރެކެވެ. ބޭސް ފަރުވާ އަށް ސަލާން ޖެހުން މިހާރު ވަނީ ހައްދުން ނެއްޓިފަ އެވެ. ސިއްހީ ފަރުވާއަށް ޑޮކްޓަރުން ލިޔެދެއްވާ ބޭހެއް ރާއްޖެއަކުން ނުލިބެ އެވެ. އާސަންދަ ލިބޭ ހޮސްޕިޓަލްތަކަށް ސަރުކާރުން ފައިސާ ނުދައްކާތީ އެތަންތަނުން އަންނަނީ ދިވެހިންނަށް އާސަންދަ ހިދުމަތް ދިނުމަށް ދެކޮޅު ހަދަމުން ނެވެ.
މި ފަދަ މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ ބަދަލުގައި ރައްޔިތުންގެ އެންމެ މަތީ ވެރިމީހާ އުޅުއްވަނީ ރައްޔިތުންގެ ޓެކްސްފައިސާ އިން ދުނިޔޭގައި ބުރު ޖެއްސެވުމުގައި އެވެ. ރައީސް މުއިއްޒު ރާއްޖޭން ބޭރަށް ކުރާ ހަރަދު ބޮޑުވެ އެކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުން ނެވެ.
މި ވަގުތު ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހުންނެވީ ދުނިޔޭގައި ނަން މަޝްހޫރު މެލޭޝިއާގެ ޕެޓްރޯނާސް ޓްވިން ޓަވަރު ބައްލަވާލަން ވަޑައިގަނެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެޓަވަރުގެ މުހިންމު ތަންތަން ބައްލަވާލައްވާފަ އެވެ. ޕެޓްރޮނާސްގެ ފަރާތުން ވަނީ އެތަނުގެ އިންޖިނިއަރިންއާއި، ފަންނުވެރިކަމާބެހޭ ގިނަ މައުލޫމާތުތަކެއް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފަ އެވެ.
ޕެޓްރޯނަސް ޓުވިން ޓަވަރަކީ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އިމާރާތެކެވެ.
މެލޭޝިއާގެ ރަމްޒެއްކަމަށް ބަލައިއުޅޭ މި އިމާރާތުގެ އުސްމިނަކީ 452 މީޓަރެވެ. މި ޓަވަރު އިމާރާތްކުރުމުގެ މަޝްރޫޢުގެ ޕްލޭނިންގެ މަސައްކަތް 1992 ވަނަ އަހަރުގެ ޖެނުއަރީ މަހުފަށައި، 1993 ވަނަ އަހަރުގެ މާރިޗު މަހު ވަނީ އަމަލީ މަސައްކަތް ފަށާފަ އެވެ.
އިމާރާތް އެއްކޮށް ބިނާކޮށް ނިންމައި ހުޅުވާފައިވަނީ 1999 ވަނަ އަހަރުގެ އޮގަސްޓުމަހު އެވެ.
މިއީ މި އަހަރު ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ތިން ވަނަ ދަތުރެވެ. މި އަހަރުގެ ޖެނުއަރީ މަހު ރައީސް ވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ. އޭގެ ފަހުން މިދިޔަ މަހު އެމަނިކުފާނު ވަނީ އިނގިރޭސިވިލާތަށް ވެސް ވަޑައިގެންފަ އެވެ.
ރައީސް މިފަދަ ދަތުރުފުޅުތައް ކުރައްވަމުން ގެންދަވާއިރު ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.
ނަމަވެސް ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ފާހަގަކޮށްފައެވެ. އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ހަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެ އެވެ.