ރައީސް މުއިއްޒެވެ. އަޕް ޓު މަދަރ އަށް ކެމްޕެއިންކުރި ފަދައިން ގައުމުވެސް ހިންގަވާށެވެ! / ތޭރަގްރެފިކްސް
ރިޕޯޓު
ރައީސް މުއިއްޒެވެ. އަޕް ޓު މަދަރ އަށް ކެމްޕެއިންކުރި ފަދައިން ގައުމުވެސް ހިންގަވާށެވެ!
29 އޭޕްރީލު 2025
މާލެ ސިޓީ

3 ގެ ރިޔާސީ އިންތިހާބުގައި ފެނިގެން ދިޔައީ ބޮޑު މަންޒަރެކެވެ. ހުސް ގޮނޑިއަކާ ފޮޓޯ ފްރޭމެއް އަދި ޖަލުގައި ޖިހާދު ކުރައްވަމުން ގެންދެވި ސިޔާސީ ލީޑަރެއްގެ ނަންފުޅުވެސް ހިއްޕަވައިގެން އޭރުގެ އިދިކޮޅު ކެންޑިޑޭޓު މ. ދިމްޔާތު ޑރ. މުހައްމަދު މުއިއްޒު ރަށްރަށާ އަދި މާލޭ ތެރޭގައިވެސް ގޭގެއަށް ޒިޔާރަތްކޮށް ގައުމު އޮތް ހާލަތުން ގައުމު ސަލާމަތްކުރަން ޖެހޭ ކަމަށް ވިދާޅުވެ ކީރިތި ކުރައްވާ ކިނބޫ ކަރުނަތަކެއް އޮއްސެވިއެވެ.

ގައުމު ސަލާމަތްވާން އޮތީ ޕީޕީއެމް/ޕީއެންސީ ވެރިކަމެއް އައިސްގެން ކަމަށް ވިދާޅުވެ ދެން ދެއްކީ ރައީސް އަބްދުﷲ ޔާމީންގެ ނަން ޓެގުކޮޅު ތަތްކޮށްފައިވާ ހުސް ގޮނޑިއަކާ އެމަނިކުފާނުގެ ފޮޓޯއެވެ. އެމަނިކުފާނުވެސް ސަލާމަތްވާން އޮތީ ތިމަންނާ ވެރިކަމަށް އައިސްގެން ކަމަށާ ތިމަންނާ ހުވާކުރަން ދާނީ އެމަނިކުފާނުގެ އަތްޕުޅުގައި ހިފައިގެންނޭ ވިދާޅުވެ ހެދެން އޮތްހާ ދޮގެއް ހެދިއެވެ.

ޒުވާނުންނަކީ ގައުމުގެ މައިބަދަކަމަށްވާއިރު އެ ޒުވާނުންގެ ތެރެއިންވެސް މަސްތުގެ އަވާގައި ޖެހިފައި ތިބި ސިއްރުން އެކަން ޝާހީ ގޮތަށް ކުރަމުން ގެންދިޔަ ކުދިންނާ އެކު ކެމްޕެއިން ސްޓަންޓުތައް ޖައްސަމުން ދިޔައީ އަޕް ޓޫ މަދަރ އަށެވެ. ތިމަންނާ އަކީ ކޫލް ވެރިއަކަށް ވާނެ މީހެއްކަން ދައްކާ ޒުވާނުންގެ ރައީސްއަކީ ތިމާކަމަށް ހެދެންވެެންވެސް ލައްކަ މަސައްކަތްކުރިއެވެ.

ރައްޔިތުން މުއިއްޒަށް ވެރިކަން ދިނެވެ. އޭގެ އަހަރެއް ނުވެ ގައުމުގެ ކަންކަން ފާލުން ނެއްޓެން ފެށިއެވެ. އެންމެ ބޮޑު މައްސަލައަކަށް ވާން ފެށީ ގޮތް ނޭނގޭ މަރުތައް ގިނަވެ މަރުތަކުގެ ތަހުގީގީ މަރުހަލާގައި ފުލުހުންގެ ފަރާތުން އެތައް ގޯހެއް ފާޅުގައި ހަދާއިރުވެސް އެއިން ކަމަކާ ފިޔަވަޅު ނާޅާ އަދި ހައްލުކުރަންވެސް ވެރިން މަސައްކަތްނުކުރެމެވެ.

އެގޮތުން އެޕްރިލު މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ވެސް ޒުވާން ޔުމްނުގެ ހަށިގަޑު ފުރާޅެއްގެ މަތިން ފެނުނު ހާދިސާގައި ފުލުހުން ކަމެއް ސިއްރުކުރާކަމުގެ ވަސް ރައްޔިތުންނަށް ދުވަން ފެށުމުން ޕްރެސްއެއް ބާއްވާ ޔުމްނު އިތުރަށް ފަލީޙަތް ކޮށްލީއެވެ. އޭގެ ކުރިން ދައުލަތް ހަނާ ވެސް އަޅާނުލައެވެ. ހުރިހާ ވެރިން ތިބީ ގަދަ ނިދީގައެވެ. އަަޕް ޓު މަދަރ އަށް ނިދާފައެވެ.

އެއާއެކު ޒުވާނުންގެ ރުޅިގަނޑު ފަޅައިގެން ގޮސް މަގުތައް މައްޗަށް ޒުވާނުން އެއްވެ އަޑު އުފުލަން ފެށުމުން ރައީސް މުއިއްޒު އެ ޒުވާނުންނަށް ޑިމާންޑުކުރީ މުޒާހަރާ ހުއްޓާލާ އެމަނިކުފާނާ ބައްދަލުކުރަން އައުމަށެވެ. ކެމްޕެއިން ދުވަސް ރައްޔިތުން ގާތަށް ވޯޓަށް އާދޭސްކުރަން ވަޑައިގެންނެވުނު އިރު މިއަދު އެ ރައްޔިތުން ނުރުހުމުން މަސަލަސް ކުރަން ވަޑައިގަންނަވަން ނުކެރުނެވެ. ފިނި ކޮޓަރީގައި އިންނަވާ އަމުރު ކުރައްވަނީ ރައްޔިތުން އެމަނިކުފާނުގެ ފައި ބުޑަށް އައުމަށެވެ. ރައީސް މުއިއްޒެވެ. ތިޔައީ ރައްޔިތުންގެ ޚާދިމެކެވެ. އެހެންކަމުން އެ ރައްޔިތުންނާ ހަމައަށް ވަޑައިގަންނަވަން ވާނީ ޚުދު މަނިކުފާނެވެ.

ގައުމުގެ ކަންކަން ބޮއްސުން ލައިގެން ގޮސް ފާލުން ނެއްޓި ދިވެހީންގެ ރާއްޖޭގެ އޮޑީގެ ހުންގާނު ކެނބަށް ނުކަތައިގެން ބިންދައިގެން ދާއިރުވެސް ފިނި ކޮޓަރީގައި މާލިމީ އިންނަވާ ރައްޔިތުންނަށް އޯޑަރު ފޮނުވުމަކީ ތިޔަ އޮޑި ފަރަށް އެރުން ގާތްވުމެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި އަޕް ޓޫ މަދަރ ކެމްޕެއިން ކުރެއްވި ފަދައިން މިއަދު ގައުމު ހިންގެވުމުގެ ސްޕީޑު ވެސް އަޕް ޓު މަދަރ އަށް ޖައްސަވާށެވެ. ނޫނީ މަނިކުފާނު ތިޔަ ދެކިވަޑައިގަންނަވާ ދެވަނަ ދައުރުގެ ހުވަފެން ބިލާހަކަށް ވުން ގާތެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved