

މުސްލިމުން އިލްމީ ރޮނގުން ކުރިއެރުން ހޯދައި، ގާބިލުކުރަން އިތުރުކުރުމަށް މުޅި އިސްލާމީ އުންމަތް ގުޅިގެން މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރައީސް މުއިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ (އައިއައިޔޫއެމް)ގައި ވަނީ ތަގުރީރުކުރައްވައިފަ އެވެ.
މި ތަގުރީރަށް އައިއައިޔޫއެމް އިން ދެއްވި ހާއްސަ "ތާކިހާ" އަޅުއްވާ ހުންނަވާ ރައީސް ވިދާޅުވީ މުސްލިމުން އިލްމީ ރޮނގުން ކުރިއެރުން ހޯދައި، ގާބިލުކުރަން އިތުރުކުރުމަށް މުޅި އިސްލާމީ އުންމަތް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އެދިލައްވާ ކަމަށެވެ.
އެއީ މުސްލިމުން ސައިންސާއި ފަލްސަފާ އާއި ބޭސްވެރިކަމާއި އިންޖިނިއަރިން އަދި އަހުލާގީ ގޮތުން ވެސް ދުނިޔެ ލީޑުކުރި ޒަމާން. އެއީ ދީނަށް ގަދަރާއި އިހުތިރާމްކުރި ޒަމާން. އަދި އިލްމު އުނގެނުމަށް ބާރުއެޅުމަކީ ހަމައެކަނި ހިތްވަރެއް ކަމަށް ނުދެކި، އެއީ ދީނީ މަތިވެރި ވާޖިބެއް، އަޅުކަމެއް ގޮތުގައި ދެކުނު ޒަމާން. މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިމަތީގައި މި ހުރީ އިލްމާއި ދުނިޔޭގެ ހަމަޖެހުމާއި ދުނިޔޭގެ ތަރައްގީގައި އިސްލާމްދީނަކީ ކިހާ މުހިންމު ދައުރެއް އަދާކުރާ ދީނެއްކަން ހަނދާން އާކުރަމުން،
އިސްލާމީ ޙަޟާރަތުގެ ރަން ޒަމާނުގެ ގޮތުގައި ސިފަކުރެވޭ އަށްވަނަ ގަރުނާއި ސާދަވަނަ ޤަރުނާ ދެމެދުގެ ދުވަސްވަރު، ބައިނަލްއަޤުވާމީ އުފެއްދުންތެރިކަމާއި އިލްމުގައި ނަގާކިޔާފައިވަނީ އިސްލާމީ ހަޞާރާތުން ކަމަށާއި އަދި އޭރު، އިލްމު އުނގެނުމަކީ މުޤައްދަސް ޒިންމާއެއްކަމަށް ދެކިގެން، އެކަމަށް ބާރުދޭ މިސްކިތްތަކާއި، ކުތުބުހާނާތަކާއި ހަސްފަތާލުތަކާއި ޔުނިވާސިޓީތަކުގެ ވިއުގަތައް ގާއިމުކޮށްފައި ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ޒަމާނީ، ފިކުރީ ނަހަޟާއެއް (ރެނޭސަންސް)ގެ ހުޅުކޮޅު ރޯކުރެވޭނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ބައިވެރިވުމާ އެކުގަ އެވެ. މިކަން ކުރުމަށްޓަކައި، ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީތަކާއި، ދިރާސާކުރާ މުއައްސަސާތަކާއި، ޑިޖިޓަލް މަންސަތައް ޤާއިމުކުރުމަށް ވުނަކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.
މުސްލިމު ގައުމުތައް ގުޅިގެން ރިސާޗު ހަބްތައް ހެދުމަށާއި އީޖާދީ ވިސްނުންތައް ތަރައްގީކޮށް، މައުލޫމާތު ބަދަލުކުރުމަށް އެއްބާރުލުން ދިނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. ސައިންސާއި ދެމެހެއްޓެނިވި ތަރައްގީ އަދި އިސްލާމީ އުސޫލުތައް ހިފެހެއްޓުމަށް ކުރާ މަސައްކަތް ފުޅާކުރުމަށް އިސްލާމީ އެއްބައިވަންތަކަމުގެ ޖަމިއްޔާ އޯއައިސީ އަށް ވެސް ރައީސް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
ރައީސްގެ މެލޭޝިއާ ދަތުރުފުޅު ކުރިއަށްދާނީ 30 އޭޕްރީލްގެ ނިޔަލަށެވެ. މިދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.