

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ ޕްރޮޖެކުޓުތަކުގެ ނަމުގައި ރައްޔިތުން ބޮލަށް ޗިޕު ޖަހާ އޮޅުވާލަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ހުސް ގޮނޑީގެ ޖާދޫ އަދިވެސް ގަދަކަމަށާ ރައީސް މުއިއްޒު ލިވަރ ޕޫލަށް ވަޑައިގެންނެވި ދަތުރުގައި ވެސް އެކަން ފެނިގެން ދިޔަ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ އިސް ވެރިންނާ މަޖިލީހުގައި ތިބި ޕީއެންސީ މެމްބަރުން ވެސް މިއަދު ވަނީ ފެއިލްވެފައި ކަމަށާ ހައްވާ ޔުމްނުގެ ހާދިސާގައި އެކަން ފެނިގެން ގޮސްފި ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ކަންކަމާ ހިތްހަމަ ނުޖެހުމުން ސަރުކާރުން ގެންދަނީ ރައްޔިތުންނަށް އޮޅުވާލަން އެތައް މަސައްކަތެއް ކުރަމުން ކަމަށާ އެގޮތުން މިއަހަރު ތެރޭގައި ވެސް 2000 ޕްރޮޖެކްޓު ފެށޭނެ ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ﷲގެ ރަހުމަތުން ވެރިކަން ލިބިއްޖެ ކަމަށާ ނަމަވެސް ވެރިކަމުގައި ތިބި މީހުން މޮޅިއްޔާ ވެރިކަން ދެމެހެއްޓެން ވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ އިގްތިސޯދުވެސް އޮތީ ނުކިސިޔާރު ފައްތަރެއްގައި ކަމަށާ އެކަން ވެސް ރަގަޅު ކުރުން އެބައޮތް ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ކަމަަކަށް ގައުމުގައި މިހާރު އެމަނިކުފާނުގެ ކަންބޮޑުވުން އޮތް ކަމަކީ ގާނޫނީ ނިޒާމުގެ އެއްވެސް ކަމެއް ހިންގިޔަ ނުދޭ ނުދިނުން ކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ ގާނޫނީ އަސާސީ އާ ގާނޫނުތައްވެސް ހިންގިޔަ ނުދޭ ކަމަށާ ޝަރީއަތްތައް ވެސް ކުރިއަށް ގެންދެވުނަ ނުދީ އޭސީސީވެސް އޮޕަރޭޓުވިޔަ ނުދޭ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ކަންކަން އޮތީ ހިލާ ދައިމަތި އަޅާފައި ކަމަށެވެ.