ފޮރުވާނެ އެއްޗެއް ނެތްކަމަށް ބުނެ ވެރިކަން ހޯދި މީހުން ކަންކަން ސިއްރު ކުރުމުގައި އަވަދިނެތި! / ތޭރަގްރެފިކްސް
ރިޕޯޓު
ފޮރުވާނެ އެއްޗެއް ނެތްކަމަށް ބުނެ ވެރިކަން ހޯދި މީހުން ކަންކަން ސިއްރު ކުރުމުގައި އަވަދިނެތި!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 މޭ 2025
މާލެ ސިޓީ

ވެރިކަމަށް އަންނަން ވެގެން ދެއްކި ވާހަކަ އަކީ ފޮރުވާނެ އެއްޗެއް ނެތްކަމަށެވެ. ސަރުކާރު ހިންގަން ލިބިއްޖެ ނަމަ "ހާމަ" ކުރައްވާނެ ކަމަށެވެ. ނޫސްވެރިން ވެސް ދިމާ ވެގެން އުޅެން ނުޖެހޭ ނެ ވާހަކަ އެވެ.

ނަމަވެސް މިއަދު މިވާހަކަތައް ވެފައި އޮތީ ދިވެހިންގެ ތެރޭގައި ދިއުޅިއެއް ނުވާ ވާހަކަ ތަކަކަށެވެ. މިވާހަކަތަކުގެ އަސްލެއް ނެތްެވެ. ރައީސް މުއިއްޒުގެ އަމަލުން އެކަން ނުފެންނަކަން ބައިނަލް އަގްވާމީ ދުނިޔެއިން ވެސް މިއަދު ގަބޫލުކޮށްފި އެވެ.

އެގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ސެންޓާ ފޯ ލޯ އެންޑް ޑިމޮކްރަސީ (ސީއެލްޑީ) އާ ގުޅިގެން އާރްޓީއައި ގާނޫނު ތަންފީޒު ކުރާ މިންވަރު ދެނެގަތުމުގައި އެ ޖަމިއްޔާގެ މެތަޑޮލޮޖީ ބޭނުންކޮށްގެން ކުރިއަށްގެންދިޔަ އެ އެސެސްމަންޓުން ދައްކާ ގޮތުގައި އާރްޓީއައި ރިކުއެސްޓުތަކުގެ ތެރެއިން މުއިއްޒު ސަރުކާރުން ފުރިހަމައަށް މައުލޫމާތު ދެވިފައި ވަނީ 38 ޕަސަންޓު ރިކުއެސްޓަށެވެ.

މިއިން ދައްކުވައި ދެނީ މުއިއްޒު ސަރުކާރުގެ ފޮރުވުން ބޮޑުކަމެވެ. ނަތީޖާ އަކީ ވައްކަން ގިނަވެ ކޮރަޕްޝަނަށް ކުރާ ތުހުމަތު އިންތިހާއަށް ގިނަވުމެވެ.

ދައުލަތުގެ އިދާރާތައް ތަމްސީލުކުރެވޭ ގޮތަށް ތަފާތު ދާއިރާތަކުން 30 އިދާރާއަކުން ނަގާފައިވާ ސާމްޕަލްތަކުން ތައްޔާރުކުރި އެ އެސަސްމަންޓުގައި ސަރުކާރުގެ ވުޒާރާތަކާއި ޑިޕާޓްމަންޓުތައް، މިނިވަން މުއައްސަސާތައް، ކޯޓުތައް، ލޯކަލް ކައުންސިލްތައް އަދި ދައުލަތް ހިއްސާވާ ކުންފުނިތައް ހިމެނެ އެވެ.

ދައުލަތުގެ އިދާރާތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރިކުއެސްޓްތައް ބަލައިގަނެ ޖަވާބުދީފައިވީ ނަމަވެސް، ގިނަ ފަހަރު އެދިފައިވާ މައުލޫމާތު ދީފައި ނުވާކަން އެސެސްމަންޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން އާރްޓީއައި ހުށަހެޅުންތަކުގެ ތެރެއިން އެދިފައިވާ މައުލޫމާތު ފުރިހަމައަށް ލިބިފައިވަނީ 45 ޕަސަންޓު ހުށަހެޅުމަށްކަން ފާހަގަކޮށް އެސެސްމަންޓުގައި ބުނީ ބައެއް މައުލޫމާތުތައް ލިބިފައި ވަނީ ކަނޑައެޅި މުއްދަތަށްވުރެ ވެސް ފަހުން ކަމަށެވެ.

މި އެސެސްމަންޓުގެ ދަށުން ދިވެހިރާއްޖެއަށް ލިބިފައިވަނީ އާދައިގެ މިންވަރެއް ނުވަތަ (1 އަކުން 0.56) ސްކޯއެކެވެ. އެސެސްމަންޓުގައި މުހިންމު ކުރިއެރުންތައް ފާހަގަކުރެވުނު ނަމަވެސް، ހުރިހާ ދާއިރާއަކުން ވެސް ގާނޫނު ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ގިނަ މަސައްކަތް ކުރަން ޖެހޭކަން ފާހަގަކޮށްފައިވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ރޫހު ދެމެހެއްޓުމަށާއި ރާއްޖޭގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރެވޭފަދަ ވެއްޓެއް ގާއިމު ކުރުމަށް އެންމެހައި ފަރާތްތަކުން މަސައްކަތް ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ސަރުކާރަށް ވަނީ ގޮވައިލާފަ އެވެ.

އަދި މުއިއްޒު ސަރުކާރަށް 16 މަސް ވެގެން ދިޔައިރު މައުލޫމާތު ހާމަކުރުމުގައި ގެންގުޅޭ "ސިއްރު" އުސޫލަކީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކަށް ފެތޭ މިންވަރެއް ނޫން ކަން ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަރަށް ބޮޑަށް އަމިއްލަފުޅާށް މެޑަލް ޖައްސަވާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން އަހާ އޮޅުންފިލުވުމަށް ގިނަ ދޮރުތައް ހުޅުވާދެއްވާފައިވާނެ ކަމަށެވެ. މީގެ އިތުރުން، މީޑިއާތަކުން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ފަސޭހަ ކޮށްދެއްވާނެކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވީ ނަމަވެސް އެމަނިކުފާނުގެ އޮފީހުގެ އިސް ތަރުޖަމާނު އަދި ދައުލަތުގެ ވެސް އެންމެ އިސް ތަރުޖަމާނުގެ ފަރާތުން މައުލޫމާތު ހޯދުން ވަނީ މާވަހަރެއް ހޯދުންހާ ދަތި ކަމަކަށް ވެފަ އެވެ. ސަރުކާރުގެ ވިސްނުން ހުންނަނީ "ހާމަ" ކުރުމުގެ ބަދަލުގައި "ފޮރު"ވުމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved