

އަލަށް އުފަންވާ ކުދިންނަށް ފަރުވާ ދޭ އައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެކަމަށް އައިޖިއެމްއެޗުން ހާމަކޮށްފިއެވެ.
އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ނުރައްކާތެރި ބެކްޓީރިއާއެއް އެންއައިސީޔޫއިން ފެނިފައިވާ ކަމަށް އެ ބެކްޓީރީއާ ފެނިފައިވަނީ އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ތިބި ކުދިންތަކެއްގެ ކިބައިންކަމަށެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އައިޖިއެމްއެޗުން ހާމަކޮށްފައި ވަނީ، އެންއައިސީޔޫގައި ފަރުވާ ދެމުން ދިޔަ މަދު ކުދިންތަކެއްގެ ކިބައިން އެ ބެކްޓީރިއާ ފެނުމުން އިތުރަށް ފެތުރުނަ ނުދިނުމަށް ޓަކައި ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
މިހާރު އެ ބެކްޓީރިއާ ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އިތުރަށް ފެތުރިފައިވާ ކަން ފާހަގަކުރެވިފައިނުވާ ކަމަށް އައިޖީއެމްޗުން ބުނެފައިވެއެވެ. އަދި، ބަލި މީހުންނާއި ސިއްހީ މާހިރުންގެ ސަލާމަތަށް ޓަކައި އިތުރު ފިޔަވަޅުތައް އަޅަމުން އަންނަ ކަން އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.
އައިޖީއެމްޗުން ބުނީ، މިފަދަ ބެކްޓީރިއާތަކައް ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި އުފަންވާ ކަމަށާއި އާންމު އެންޓިބަޔޮޓިކަށް އެ ބެކްޓީރިއާ ނުގުޑާ ކަމަށެވެ. އެހެންވެ، އެކަމުން ނުރައްކާތެރި އިންފެކްޝަނަކަށް މަގުފަހިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.