

ހ. ފެންޓެނޯއީން ވެއްޓުނު ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރާ އިހްތިޖާޖަކީ މުހިންމު އަދި ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގައި މިއަދު ގޮތް ނޭނގޭ މަރުތައް ދަނީ ގިނަވަމުންކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ. އަދި އެއީ ދޫކޮށްލައިގެން ތިބޭ ވަރުގެ ކަންކަން ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޔުމުންގެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި މެދު ވެސް ރައީސް ޔާމީންވަނީ ކަންބޮޑުވުން ފާޅުކުރަައްވާފައެވެ.
އެއީ އެއްވެސް ވަރަކަށް ސިޔާސީ މުޒާހަރާއެއް ނޫން. އެ މީހުން އަޑު އުފުލަމުން އެ ގެންދަނީ އިންސާނީ ހައްގުތަކުގައި. އަޑު އުފުލަނީ އެ ކުއްޖާއަށް ހައްގު ނުވަތަ އެ ކުއްޖާއަަށް އެ ލިބުނު އަނިޔާގައި މި މީހުން ބޭނުންވަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން. އެއީ އެމީހުންނަށް ޖާއިޒު އެމީހުން ކުރަން ޖެހޭ ކަމެއް. އެއީ ކުރަން ޖެހޭ ކަމެއް. ނުކޮށް ދޫކޮށްލައިގެން ވާނެ ކަމެއް ނޫން. އެ އަޑު އުފުލަން ޖެހޭ. މި ސަރުކާރަކީ އިސްވެ އެކަން ކުރާނެ ބައެއް ނޫން.
އެ މައްސަލައިގައި ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވީ ވަރަށް ދޭސީ ރައްޔިތުން ހިތް ނުތަވަނަވަސްވާ ފަދަ ޖަވާބެއް ކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.
އަދި އޭގައި ދީބާޖާއެއް އޮތް ކަމާއި ބެލްކަންޏަކުން ކުއްޖަކު ވެއްޓި މަރުވެފައިވާ ކަމަށް ބުނެ ވިފާގު އިބްރާހިމް އަދުނާންގެ މަރަށް ވެސް ރައީސް ޔާމީން އިޝާރާތް ކުރެއްވިއެވެ.
މީގެއިތުރުން ޕީއެންއެފުން އެ މައްސަލަގައި އެ ވާހަކަތައް ދެއްކި ނަމަވެސް ސަރުކާރުން ކަހާތަން ހިރުވާވެސް ނުލާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މި މައްސަލައިގައި ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު މީހުންގެ ޕާސްޕޯޓް ހިފަހައްޓައި ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.
އެއީ ރައުދު އަހުމަދު ޒިލާލް، އައިޝަތު ލަޔާލީ އިގުބާލް، އިޒްދިޔާން މުހައްމަދު މައުމޫން، ޔޫސުފް އަހްމަދު އަކްރަމް، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، އާމިނަތު ޖުނައިދާ ޖަމްޝީދު، ހުސައިން ހަމީސް އަލީގެ އިތުރުން އިޖާޒު ޖާއިޒެވެ.