ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު / -
ހަބަރު
އަނިޔާވެރިކަން ބަދަލުކުރަން އައި ސަރުކާރުން އަނިޔާވެރިވެއްޖެ: އަޒާން
Mariyam Ibrahim
މަރިޔަމް އިބްރާހިމް
02 މޭ 2025
މާލެ ސިޓީ

އަނިޔާވެރިކަން ނިމުމަކަށް ގެންނާނެކަމުގެ ވައުދާ އެކު އައި ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވެއްޖެ ކަމަށް، ސަރުކާރު ހިންގާ ޕީއެންސީގެ ގޮނޑިއެއް މަޖިލީހުގައި ތަމްސީލު ކުރައްވާ، ހިތަދޫ މެދު ދާއިރާގެ ޒުވާން މެމްބަރު އަހުމަދު އަޒާން މަރްޒޫގު ވިދާޅުވެއްޖެއެވެ.

އަޒާން މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މިހާރު މާލޭގައި ސިލްސިލާކޮށް ކުރަމުން ގެންދާ ޒުވާނުންގެ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ އަނިޔާވެރިކޮށްކަން ފާހަގަކުރައްވާ އަޒާން ވިދާޅުވެފައިވަނީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުގައިވެސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް މުޒާހަރާތައް އޭރު ފުލުހުން ރޫޅާލާ ރައްޔިތުންނަށް އަނިޔާވެރިވި ކަމަށެވެ. އަދި މިހާރު މިއޮތް ސަރުކާރަކީ އެ އަނިޔާވެރިކަން ނިންމާ ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރުމުގެ ހައްގު ހޯދައިދިނުމުގެ ވައުދާއެކު އައި ސަރުކާރެއް ކަމަށާ ނަމަވެސް މިއަދު ފެނިގެން ދަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެ ވައުދާ ސަރުކާރުން ޚިލާފުވެ ރައްޔިތުންނަށް އަނިޔާވެރިވަމުންދާ މަންޒަރު ކަމަށް ވެސް އަޒާން ފާހަގަކުރައްވާފައިވެއެވެ.

އިހުތިޖާޖު ކުރުމަކީ ގާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޙައްގެއްކަން ފާހަގަކުރައްވާ އަޒާން ވަނީ، ބުރާސްފަތި ދުވަހުގެރޭ މާލޭގައި ޒުވާނުންތަކެއް ކުރިއަށް ގެންދިޔަ ސުލްޙަވެރި އިހުތިޖާޖުތައް ހުއްޓުވަން ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް، އެ އިހުތިޖާޖުތައް ހުއްޓުވަން މަސައްކަތް ކުރުން އެއީ ބަލައި ގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ތެރެއިން އަބްދުﷲ މަހުޒޫމް މާޖިދު، 28 އާއި އާއިޝަތު ޝިމަން އަހުމަދު، 19 ހައްޔަރުކޮށްފައިވާތީ އެ ދެމީހުން ދޫކޮށްލަން އަޒާން ގޮވާލައްވާފައިވެއެވެ.

މިދިޔަމަހު 18 ވަނަ ރުވަހުގެ ރޭ ހައްވާ ޔުމްނު ރަޝީދު ހ.ޕެންޓެނޯއީ ގެއިން ވެއްޓުނު ހާދިސާއާއި ގުޅިގެން ޒުވާނުން ތަކެއް ނުކުމެ ކުރިޔަށް ގެންދަމުން ދިޔަ ސިލްސިލާ މުޒާހަރާއަށް ވަދެ ފުލުހުން ނުޙައްގު ގޮތުގައި ބާރުގެ ބޭނުން ކޮށް ޕެޕާރ ސްޕްރޭޖަހައި ވަނީ މުޒާހަރާ ރޫޅާލުމަށް މަސައްކަތް ކޮށްފައެވެ.

ޔުމްނުގެ މައްސަލާގައި ސަރުކާރުން އަމަލުކުރަމުން ދާ ގޮތާމެދު ހިންހަމަނުޖެހޭތީ ޒުނާނުން ދަނީ ސިލްސިލާކޮށް މުޒާހަރާތަކެއް ކުރަމުންނެވެ.

މީގެކުރިންވެސް މިފަދަ ސިލްސިލާ މުޒާހަރާ ތަކުގައި ފުލުހުން ނުހައްގު ގޮތުގައި ބާރުގެ ބޭނުން ކުރަމުން ދާތީ އެކަން ހުއްޓުމަށް މިސަރުކާރުން ވައުދުތަކެއް ވަމުން ދިޔަނަމަވެސް ރޭގެ މުޒާހަރާގައި އެސް އޯ ފުލުހުން މުޒާހަރާތެރެއަށް ވަދެ ޕެޕާރ ސްޕްރޭ ޖަހާ ޒުވާނުން ތަކެއް ހައްޔަރު ކޮއްފައިވެއެވެ. އެހިސަބުން ޒުވާނުންގެ މުޒާހަރާ ހޫނުވެ، ފުލުހުންނާއި ކުރިމަތި ލުން ތަކެއްވެސް ދިޔައެވެ.

ޒުވާނުން ތަކެއް ހައްޔަރު ކުރުމާއި ގުޅިގެން ބައިވެރިން ވަނީ " ކުށެއްނެތް މައުސޫމް" ޒުވާނުން ދޫކޮއްލުމަށް ގޮވާލާފައިވެއެވެ. އަދި ޒުވާނުން ނާއި ނުކުޅެވޭނެ ކަމަށާއި ރައިސް ޑރ. މުޙައްމަދު މުއިއްޒު އިސްތިއުފާ ދިނުމައްވެސް ވަނީ ގޮވާލާފައެވެ. އަދި މިއާއެކު މުޒާހަރާގެ މަގުސަދު ބަދަލުކޮއްލީ ފުލުހުން ކަމަށްބުނެ ވެރިކަން ވެއްޓިދާނެ ކަމަށް ވެސް ވަނީ ގޮވާފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved