

ޓޫރިޒަމް ހިދުމަތްދޭ ތަަންތަނުން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ބޭންކްތަކަށް 214 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދަވާ ނޫސްވެރިންނާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު މިހާރު ރަނގަޅު ރާސްތާއަކަށް ގެނެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާއިން ޑޮލަރު މާރުކުރަން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި 214 މިލިއަން ޑޮލަރު މިހާތަނަށް މާރުކޮށްފަ ވާނެ ކަމަށެވެ. މީގެ ސަބަބުން ޑޮލަރުގެ ޕެރަލަލް މާކެޓް ނައްތާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދައިން މިއަދު ވިދާޅުވިއިރު، އަހަރުގެ މެދަކާ ހިސާބަށް ދާއިރު، ސަރުކާރު ކުންފުނިތަކުން ކަޅުބާޒާރުން ޑޮލަރު ގަތުން ހުއްޓާލާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު ތިރިވަމުން އަންނާނެ ކަމަށް ރައީސް މީގެ ކުރިން ވެސް ވަނީ ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް މި ސިޔާސަތުގެ ދަށުން ޑޮލަރު މާރުކުރަން ފެށިތާ ތިން މަސް ވާން ގާތްވީއިރު, އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގަށް ބޮޑު ބަދަލެއް ނާދެ އެވެ. ޑޮލަރު މާރުކުރާ ގްރޫޕުތަކުން ދައްކާ ގޮތުގައި މިއަދު ވެސް ޑޮލަރެއް ލިބެން ހުރީ 19.40ރ. އަށެވެ.