

ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ބާއްވާ އެއްވެސް އިޖުތިމާއީ އަދި ރައްޔިތުންނާއި ގުޅުން ބަދަހި ކުރާ ހަރަކާތަކުގައި ބައިވެރި ނުވުމަށް އެ ރަށުގެ ރައްޔިތުން ނިންމައިފި އެވެ.
ޒަކިއްޔާ މޫސާގެ މަރުގެ ހާދިސާ އާއި ގުޅިގެން އިއްޔެ ވަނީ އެރަށުގެ ރައްޔިތުންވަނީ އަޑު އުފުލުމުގެ ގޮތުން އެއްވުމެއް ބާއްވާފަ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި އެރަށުގެ ފުލުހުން އިހުމާލު ވެފައިވާކަން ފާހަކޮށް އެރަށު ގެ ރައްޔިތުން ބުނެފައި ވަނީ މައްސަލައިގެ ހަގީގަތް ހޯދުމަށް އެކަށީގެން ވާ މައްސައްކަތެއް ކޮއްފައި ނުވާކަމަށެވެ. އަދި މިއާއިއެކު ފުލުހުން ގެ ބަޔަކު ސީން ރޫޅާލައި ފައި ވާކަމަށާއި އޭގެފަހުން ސީން ދޫކޮށް ދިއުމުން ހެކި ނައްތާލަން ފުރުސަތު ދެވިފައިވާކަމަށް ރަށުގެ ރައްޔިތުން ތުހުމަތު ކުރެއެވެ.
އަދި އޮޓޮޕްސީ ނުހަދާ ޒަކިއްޔާ ވަޅުލުމުގެ ސަބަބުން ހެކި ހޯދުމަށް ލިބުނު ފުރުސަތުވެސް ގެއްލުނީކަމަށް ރައްޔިތުންވަނީ ފާހަގަކޮށްފަ އެވެ.
ޒަކިއްޔާގެ މަރަށް 200 އެތައް ދުވަހެއް ވެފައިވާއިރު އަދިވެސް ތަހުގީގު ވަކި ކޮޅެއްގައި ނުޖެހެއެވެ. ނަމަވެސް ޒަކިއްޔާގެ މަރުގެ ހާދިސާގައި ހެކި ރައްކާތެރި ކުރުމާ ސީން ރައްކާތެރި ކުރުމުގައި އަދި ޒަކިއްޔާގެ ހަށިގަނޑާ މެދު އަމަލުކުރި ކުރުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ފުލުހުްނގެ ވަޒީރުވެސް ގަބޫލުކުރާއިރު އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅާ އޮތުން އެއީ ހޮޅުދޫގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
އަދި ވަކި ބަޔަކު ބުނާ ބުން ފުލުހުން ގަބޫލުކޮށް ވަކި ބަޔަކު ބުނާ ބުނުން ފުލުހުން ގަބޫލުނުކުރުމަކީވެސް މި މައްސަލައިގައި ފުލުހުން ވަކި ކޮޅަކަށް ޖެހިފައިވާވުމުގެ ހެއްކެއް ކަމަށް އެ ރަށު ރައްޔިތުން ހާމަކުރެއެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން އެއީ އަމިއްލައަށް މަރުވި މަރުވުމެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް ފުލުހުން ވަނީ މީގެ ކުރިން ވާހަކަދައްކާފަ އެވެ.
އެގޮތުން ފުލުހުން ޒަކިއްޔާގެ މަރާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި ބުނެފައިވަނީ، މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށެވެ. އަދި ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.