

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރާ ސިޔާސީ ދައުވާގެ ޝަރީއަތްތަށް ފެށުމަށްފަހު ޝަރީއަތްތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްެޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ގިނަ ދުވަސްތަކަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން އިންތިހާބުވި ފުރަތަމަ ދުވަހު އިއުލާނުކުރެއްވި ގޮތަށް ޖުޑީޝަރީއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި އެއީ އެމަނިކުފާނުގެ ޒަމީރު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ފުއްގިރި މައްސަލާގައި އަޑުއެހުންތައް އަލުން ފެށި ވާހަކަ ވެސް ފެނުނީ ނޫހުން ކަމަށާއި ޕީޖީ އޮފީހަކީ މިނިވަންކޮށް ހިނގާ ތަނެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވިއެވެ.
އަޅުގަނޑު ނުފޫޒެއް ނުފޯރުވަން ރައީސް ޔާމީންގެ ކޭސް އަކަށް. އަދި އެހެން އެއްވެސް މީހެއްގެ ކޭސް އަކަށް ވެސް. އަޅުގަނޑު ކުރާނެ ކަމެއް ނޫން އެއީކީ. އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރާ ބޭފުޅެއް ރައީސް ޔާމީނަކީ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާ އިރު އެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝްއާއި ފިއުލް ސަޕްލައި މޯލްޑިވްސް އެފްއެސްއެމްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ހެކިބަސް ނުދޭން ނިންމިކަން ފާހަގަކޮށްލެވެއެވެ. އަދި ޝަރީއަތް އޮތް ދުވަހު އެ ދެ ބޭފުޅުންވެސް ތިބީ ރާއްޖެއިން ބޭރުގައިކަމަށް މައުލޫމާތުވަނީ ލިބިފަ އެވެ.
ރައީސް ޔާމީންއާ އެއްކޮޅަށް ހެކިބަސް ނުދޭން ނަރީޝް ނިންމަވާފައިވާއިރު، މީގެ ކުރިން ކުރިއަށް ގެންދިޔަ ވ. އާރަށު މައްސަލައިގައި އޭނާ ވަނީ އެމަނިކުފާނާ އެއްކޮޅަށް ހެކިބަސް ދީފަ އެވެ. މި މައްސަލައިގައި ހެކިބަސް ނުދޭން ނިންމި ސަބަބެއް ކަމަށް ބެލެވެނީ މިހާރު އުފެދިފައިވާ ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެމަނިކުފާނާއެކު އޮތް ގުޅުން ހީނަރުވެފައިވާތީ ކަމަށް ބެލެވެއެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލަތާ ގުޅިގެން އުފުލި ސިޔާސީ ދައުވާގެ އަޑު އެހުމެއް މެއި މަހުގެ 26 ވަނަ ދުވަހު 13:00 އަށް ވަނީ ތާވަލްކޮށްފައެވެ. އެ ދުވަހު ދިފާއީ ހެކިންގެ ހެކި ބަސް ނަގާ ނިންމުމަށް ނިންމެވިއެވެ. އަދި ޚުލާސާ ބަޔާން އިއްވަން ޖުލައި މަހުގެ 20 ވަނަ ދުވަހުގެ 09:00 އަށް ތާވަލްކޮށްފައިވެ އެވެ.