

މިއަދު އެނގިގެން ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ އެމްޑީޕީ ސަރުކާރުން ވެފައިވާ އަސްކަރީ އެއްބަސްވުންތަކާ ގުޅޭ ގޮތުން ރައްޔިތުންނަށް އޮޅުވާލައި، މުތުލަގަށް ދޮގު ހައްދަވައިގެންކަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީ ސަރުކާރުން ބޭރު ގައުމުތަކާއެކު ހެދި އެއްބަސްވުންތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
ރައީސް މުއިއްޒު ވަނީ ގައުމުތަކުގެ ރުހުމާނުލައި އެ އެއްބަސްވުންތައް ހާމަކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެއްބަސްވުންތައް ހާމަކުރެވޭތޯ މަޝްވަރާކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކަން ބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ ހުރެގެންނެއް ނޫން،
އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އެ ޔަގީންކޮށް ކަށަވަރުކޮށްދެއްވީ މިދިޔަ ސަރުކާރުން އަވަށްޓެރި ބޭރު ގައުމުތަކާއެކު އަދި ވަކިން ޚާއްސަކޮށް އިންޑިއާއާ އެކުވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ދިވެހި ދައުލަތާ ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރާކަން ކަމަށެވެ.
ނަމަވެސް އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީއިން މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ހޯދުމަށްޓަކައި މުތުލަގަށް ހެއްދެވީ ދޮގުކަން މިއަދު އެނގިއްޖެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އޭރު ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވާނެ އެއް ކަމަކީ ރާއްޖެއާ ބޭރުގެ ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިންޑިއާ އަސްކަރިއްޔާއެކު އެމްޑީޕީ ސަރުކާރުން ވި އެއްބަސްވުންތަކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. ނަމަވެސް ފަހުން މި ސަރުކާރުން ވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިސްނަންގަވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން މިހާރު ވަނީ އިންޑިއާއާއެކު އޮތް ގުޅުން ވެސް ރަނގަޅުކޮށްފަ އެވެ.