March 19, 2026
Advertisement
އާރަށުގައި ރައީސަށް ހާއްސަކޮށް ހަދާފައިވާ ގަނޑުވަރު
އާރަށުގައި ރައީސަށް ހާއްސަކޮށް ހަދާފައިވާ ގަނޑުވަރު / ސޯޝަލް މީޑިއާ

އާރަށުގައި ރައީސަށް ހާއްސަކޮށް ހަދާފައިވާ ގަނޑުވަރަށް ގިނައިން ވަޑައިގަންނަވަނީ ބޯޅަ ކުޅެން: މުއިއްޒު

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 4, 2025, 02:25 AM
މާލެ ސިޓީ

ރައީސުލްޖުމްހުރިއްޔާ އަށް ހާއްސަކޮށްފައިވާ، "ގަނޑުވަރު" ހުންނަ ކ. އާރަށަށް ގިނައިން ވަޑައިގަންނަވަނީ ފުޓް ބޯޅަ ކުޅެން ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސުލްޖުމްހުރިއްޔާ މުއިއްޒު އަދި އެމަނިކުފާނުގެ އާއިލާއިން އާދަޔާ ހިލާފަށް އާރަށަށް ވަޑައިގަންނަވާ ކަމަށާއި އެ ރަށުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރާ ކަމަށް މި ފަހުން ސޯޝަލް މީޑިއާގައި ދަނީ އަޑު ފެތުރެމުންނެވެ.

ރައީސުލްޖުމްހުރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ފުޓްބޯޅަ ކުޅުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި އާރަށުގައި ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑެއް އޮތުމުން ހަފްތާއަކު ތިން ދުވަހު އެ ރަށަށް ވަޑައިގަންނަވާ ކަމަށެވެ.

އަދި މާލޭގެ ފުޓްސަލް ދަނޑަކަށް ކުޅެން ވަޑައިނުގަންވަނީ ސެކިއުރިޓީއާ ޓްރެފިކާއި އެހެން ކަންކަމަށް ބަލާއިރު އާރަށަށް ވަޑައިގަތުން ރަނގަޅު ކަމަކަށްވުން ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވި އެވެ.

އަޅުގަނޑު އެމްއެންޑީއެފް އިން މައުލޫމާތު ނަގައިގެން ބަލައިލިއިރުގަ، ޖުމްލަ މިއަދާ ހަމައަށް އަޅުގަނޑަށް ދެވިފަ ވަނީ 116 ފަހަރު. ދެން މީގެތެރެއިން 85 ފަހަރު ގޮސްފަ ވަނީ ހަމައެކަނި ފުޓްބޯޅަ ކުޅެން،

ރައީސުލްޖުމްހުރިއްޔާ

ފުޓްބޯޅަ ކުޅެން ދާއިރު އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ ވެރިން ވަޑައިގަންނަވަ އެވެ. މި ދަތުރުތަކުގައި ހޭދަކުރައްވަނީ ދެތިން ގަޑިއިރު ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވި އެވެ.

މި ދަތުރުތަކަށް ބޭނުންކުރި ލޯންޗުތަކުގެ ތެލަށް ދައުލަތުގެ ބަޖެޓުން 643،645ރ. ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވި އެވެ. ދަތުރުތަކުގައި ކެއުމަށް މުލިއާގެ ބަދިގެއިން ހަރަދުކުރި ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ 565،703ރ. ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved