theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން / ސޯޝަލް މީޑިއާ
ސިޔާސީ
ރައީސް ޔާމީންގެ ޝަރީއަތެއް ސުޕްރީމު ކޯޓު ގައި!
Mariyam Isaadha
މަރިޔަމް އިސާދާ
17 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތެއް މި މަހުގެ 29 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

މި މަހުގެ 29 ވަނަ ދުވަހަށް ރައީސް ޔާމީންގެ ޝަރީއަތެއް ތާވަލްކުރީ ސުޕްރީމު ކޯޓުގައެވެ. އެ ދުވަހު އޮންނަ ޝަރީއަތުގެ އަޑު އެހުމަކީ، ވ. އާރަށުގެ ޚިޔާނާތުގެ ތެެރެއިން ރައީސް ޔާމީން ފްރޭމުކޮށް ދައުވާ އުފުލާ އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމުގައި، ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެކެވެ. އަޑުއެހުން ތާވަލްކޮށްފައިވަނީ އެ ދުވަހުގެ 11:30 އަށެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް ސުޕްރީމު ކޯޓުގައި ތާވަލްކުރިއިރު އެމަނިކުފާނުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް ވަނީ ބަދަލު އައިސްފައެވެ. އެއީ އެ ބެންޗުގައި ކުރިން އިންނެވި ޑރ އަޒްމިރަލްދާ ޒާހިރު އެ ކޯޓުގެ ފަނޑިޔާރުކަމުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަކިކުރުމާ ގުޅިގެން އައި ބަދަލެކެވެ. އެގޮތުން އަޒްމިރަލްދާގެ ބަދަލުގައި އިންނަވާނީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އެ ބަދަލާއެކު ދެން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވާނީ ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައާ ގުޅިގެން އެންމެ ފަހުން އޮތް އަޑުއެހުން ނިންމަވާލައްވަމުން މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު، އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، މި މައްސަލައިގައި ޝަރީއަތުން ސާފުކުރަން ބޭނުންވާ އިތުރު ކަމެއް ނެތް ކަމަށެވެ. އެހެންވެ، ދެން އަޑުއެހުމެއް އޮންނާނީ މި މައްސަލައިގައި ހުކުމްކުރަން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކުރާނެ ވަކި ތާރީޚެއް އެ ދުވަހު ފަނޑިޔާރު ވިދާޅެއް ނުވެއެވެ. އެހެންކަމުން 29 ވަނަ ދުވަހުގެ އަޑު އެހުމަކީ މައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ އަޑު އެހުން ކަމަށްވުން ގާތެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ހައި ކޯޓުން ވަނީ މައްސަލަ އަލުންބެލުމަށް އަންގާފައެވެ. އެފަދައިން ހުކުމް ކުރިއިރު ހައިކޯޓުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ވެސް ނިންމާ ހުކުމްކޮށްފައެވެ.

ރައީސް ޔާމީން ފްރޭމްކޮށް ނިމި ދިޔަ ސަރުކާރުން އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފުގައި ހައިކޯޓުން ކުރި ހުކުމުގައިވާ ހެކި އެއް ފަރާތްކުރުމުގެ ބައި ދައުލަތުން ސުޕްރީމު ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved