

އިންޑިއާގެ އަސްކަރީ މަނަވަރު، އޮފް ޝޯ ޕެޓްރޯލް ވެސެލް 'އައިއޯއެސް ސާގަރު' ރާއްޖެ އައުމަށް ދަތުރު ފަށައިފައިވާ ކަމަށް އެ ގައުމުގެ ނޭވީއިން އިއްޔެ ބުނެފި އެވެ.
އިންޑިއަން ނޭވީއިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައިއޯއެސް ސާގަރު ރާއްޖެއަށް ބަނދަރުކުރާނީ އިންޑިއާއަށް އަނބުރާ ދިއުމުގެ ކުރިން، އެންމެ ފަހު ތަނެއްގެ ގޮތުގައި ކަމަށެވެ.
އިންޑިއާގެ މަނަވަރެއް އަނެއްކާ ވެސް ރާއްޖެ އަންނައިރު، މިދިޔަ ހަފުތާ ތެރޭ އެ ގައުމުގެ "އައިއެންއެސް ކޮޗީ" ވެސް ވަނީ މާލެ އައިސްފަ އެވެ. އެ މަނަވަރު ރާއްޖެ އައީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޯސްޓްގާޑު ޝިޕް ހުރަވީ މަރާމާތަށްފަހު ރާއްޖެ ގެނައުމަށެވެ.
އިންޑިއާގެ މަނަވަރެއް ރާއްޖެ އަންނަ ކަމަށް އިންޑިއާ އިން ބުނިއިރު އިންޑިއާއިން ޖާސޫސް ކުރުމަށް ބޭނުންކުރާ ވައިގެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް މިފަހުން ވަދެ ދުއްވިކަން މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.
މީގެ އިތުރުން އިންޑިއާގެ މަނަވަރު ރައްޖެ އަންނައިރު ޕާކިސްތާނާއި އިންޑިއާއާއި ދެމެދު އަންނަނީ ހަނގުރާމައެއްގެ ރަނގަބީލު ޖަހަމުން ނެވެ. އެގޮތުން ކަޝްމީރުގައި ބަޑިން ހަމަލާދީ ބަޔަކު މަރާލި މައްސަލައިގައި އިންޑިއާއިން ޕާކިސްތާނަށް ހަމަލާދޭން ތައްޔާރުވަމުންދާ ކަމުގެ "އިތުބާރު ހުރި ޖާސޫސީ މައުލޫމާތު" ލިބިފައިވާ ކަމަށް ޕާކިސްތާނުން އިއްޔެ ވަނީ ބުނެފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ވަނީ ރައްދު ހަމަލާ ދިނުމުގައި ސިފައިންނަށް "އޮޕަރޭޝަނަލް ފްރީޑަމް" ދީފަ އެވެ. އެހެންވެ، ހަމަލާ ދޭނެ ގޮތާއި ވަގުތާއި ބޭނުންކުރާނެ ބާރު ފަދަ ހުރިހާ ކަމެއް ސީދާ ސިފައިން އަމިއްލައަށް ކަނޑައެޅުމުގެ ބާރު އޮންނާނެ އެވެ.