

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ފެންނަ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީއިން ނިންމި ރިޕޯޓު އެ ކޮމިޝަނުން މިއަދު ފާސްކޮށްފި އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ނިންމުމުން ދެން އެ މައްސަލަ ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. ފަނޑިޔާރުން މަގާމުން ވަކިވާނީ މަޖިލީހުން އެކަން ފާސް ކުރުމުންނެވެ.
ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ.
އެހެންކަމުން، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީންވަނީ ނިންމާފައެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން މިހާރު އިސްތިއުފާދެއްވާފައިވާ ހުސްނުއްސުއޫދުގެ މައްސަލަތަކެއް ބަލަން ފެށިކަމަށް ވުނެ ޖޭއެސްސީން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު ބާތިލް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބެލުން ހުއްޓުވުމަށްޓަކައި، ސަރުކާރު އަޑީގައި އޮވެގެން އޭސީސީން ބަލަން ފެށި ކަމަށް ބުނި އަސްލެއް ނެތް މައްސަލައަކާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި، ދެ ފަނޑިޔާރުންގެ މަގާމު އިޔާދަ ކުރުމަށް ހިއުމަން ރައިޓްސް ވޮޗް ވަނީ ގޮވާލައިފައެވެ.
ފަނޑިޔާރުން ސަސްޕެންޑުކުރީ ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް ބެލޭ ކަމަށް ބުނެ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.