

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 15 ގަޑި އިރު ހޭދަވެގެން ދިޔައިރު ބައިވެރިވި ހުރިހާ ނޫސްވެރިން ހެން ދެއްކި އެއް ވާހަކަ އަކީ ސަރުކާރުގެ ތެރެއިން މައުލޫމާތު ހޯދަން އުނދަގޫ ވާހަކައާއި އަދި މައުލޫމާތު ދިނުމަށް ދެކޮޅު ހައްދަވާ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް އާއި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ފިއްލަވައިގެން އުޅުއްވާ ވާހަކަ އެވެ.
ރައީސް މުއިއްޒު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މީގެ 500 ވަރަކަށް ދުވަސް ކުރިންނެވެ. އެހާ ގިނަ ދުވަސްކޮށް ރައީސް ނޫސްވެރިނާއި ބައްދަލުވުމުން ގިނަ ނޫސްވެރިން ވަނީ ސަރުކާރުގެ ތެރެއިން މައުލޫމާތު ހޯދަން ހުރި ދަތިތަކުގެ ތަފްސީލް ރައީސް އަށް ދަންނަވާފަ އެވެ.
އަދި ނޫސްތަކުގެ މެދުގައި ރައީސް އޮފީހުގެ މިނިސްޓަރު ހަލީލް އާއި ސަރުކާރު ތަރުޖަމާނު ހީނާ ތަފާތު ކުރުން ގެންގުޅޭ ވާހަކަ ވެސް ނޫސްވެރިން ވަނީ ރައީސް އަށް ހިއްސާ ކޮށްފަ އެވެ.
އެގޮތުން ހަލީލް އަށް ގުޅުމުން ފޯނު ނުނަގާ ވާހަކަ އާއި ހީނާ އާއި ގުޅުމުން ފޯނަށް ނާރާ ފަހުން ވެސް ނުގުޅާ ވާހަކަ ބައްދަލުވުމުގައި ބައިވެރިވި 36 ނޫސްވެރިން ހެން ދެއްކި އެވެ. އަދި ހަލީލްގެ ފޯނު ވޮއިސް މެއިން މެސެޖަށް ލާފަ އޮންނަ ކަމަށް ވެސް ބައެއް ނޫސްވެރިން ބުންނެވެ.
އިބްރާހިމް ހަލީލް އާއި ހީނާގެ ޝަކުވާ ނޫސްވެރިން ރައީސް އަރިހުގައި ދެންނެވިއިރު މި ދެބޭފުޅުން ބައިވެރިވާ ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް މިފަހުން ފެންމަތިވި އެވެ. އެއީ ހަލީލް އިސްވެ ހުންނަވާ އެމްއެމްޓީވީ ނަމުގައި ޓީވީއެއް ހިންގުމަށް އެންސްޕާގެ ފައިސާ ބޭނުން ކުރުމެވެ.
މި މައްސަލަ އޭސީސީން އަންނަނީ މިހާރު ވެސް ބަލަމުން ނެވެ.
ސޯޝަލް މީޑިއާގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު އޭނާގެ އިސްތިއުފާ އަށް ވެސް މިފަހުން ވަނީ ގިނަ ބަޔަކު ގޮވާލައިފަ އެވެ.
މީގެ އިތުރުން އިބްރާހިމް ހަލީލްގެ ގާބިލްކަމާއިމެދު ގިނަ ފާޑުކިޔުން ވެސް ސަރުކާރަށް އަންނަނީ އަމާޒުވަމުން ނެވެ އެއީ ހަލީލް އަކީ ބަދަލުވަމުންދާ ނޫސްވެރިކަމުގެ ހަލުވި މައުލޫމާތު ފެތުރުމާއި ބީރަށްޓެހި މީހެއް ކަމަށް ބުނެ އެވެ. އަދި ޒަމާނަށް ފެތޭ ގިނަ ބަސްތަކަށް ފަރިތަ މީހަކަަށް މެނުވީ ސަރުކާރުގެ ކޮމިއުނިކޭޝަންސް ނުބެލެހެއްޓޭނެ ކަމަށް ވެސް ގިނަ މީހުން އަންނަނީ ބުނަމުން ނެވެ.
ރައީސް ރޭ ވަނީ ހަލީލްއާއި ހީނާ "އިސްލާހުވާން" ދަންނަވާނެ ކަމަށް ބުނެފަ އެވެ. އަދި އެމަނިކުފާނުގެ ބަސް އަޑު ނާހާނަމަ އެމީހަކު ސަރުކާރުގެ ތެރެއިން ބޭރުކުރާނެ ކަމަށް އިންޒާރު ވެސް ރައީސް ރޭ ދެއްވި އެވެ.
ރޭގެ ދަންވަރު 12:55 ހާއިރު ނޫސްވެރިންގެ ބައްދަލުވުން ނިންމަވައިލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރާނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރާ- ނޫސްވެރިންނާއެކު ކަމަަށެވެ. އަދި ބައްދަލުވުން ނިންމަވައިލެއްވީ އަވަސް އަވަހަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމުގެ އުންމީދު ދެއްވަމުންނެވެ.