ދެ ފަނޑިޔާރުން ވަކި ކުރުން މާދަމާ މަޖިލީހުގައި އެޖެންޑާކޮށްފި / ރައީސް އޮފިސް
ހަބަރު, ސިޔާސީ
ދެ ފަނޑިޔާރުން ވަކި ކުރުން މާދަމާ މަޖިލީހުގައި އެޖެންޑާކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 މޭ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ޖިނާއީ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލާކަމަށް ބުނެ، އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ.

އޭގެ ފަހުން ޖޭއެސްސީން ވެސް ތިން ފަނޑިޔާރުންގެ މައްސަލައެއް ބަލާ ކަމަށް ބުނެފައިވެއެވެ.

އެ ސަސްޕެންޝަނަށް މާ ގިނަ ދުވަހެއް ނުވެ ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވިއެވެ.

ޖޭއެސްސީން މިއަދު ބުނީ މަހާޒާއި އަޒްމިރަލްދާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވާފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށާއި އެހެންވެ، ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް މިއަދު ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.

އެ މައްސަލާގައި އެ ދެ ބޭފުޅުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދާއިމީ ކޮމެޓީއަށް ފޮނުވަން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަށް ބިނާކޮށް މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި، ދެ ފަނޑިޔާރުންގެ މަގާމު އިޔާދަ ކުރުމަށް ހިއުމަން ރައިޓްސް ވޮޗް ވަނީ ގޮވާލައިފައެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރީ ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް ބެލޭ ކަމަށް ބުނެ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved