- / ރައީސް އޮފިސް
ހަބަރު
އަޒްމިރަލްދާއާއި މަހާޒް ވަކިކުރުމުގެ މައްސަލަ ބަލަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
05 މޭ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީއިން އިއްޔެ ވަނީ ނިންމާފަ އެވެ.

ޖޭއެސްސީ އިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ މަހާޒްއާއި އަޒްމިރަލްދާގެ ސުލޫކީ މައްސަލަ ބެލި އެ ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން އެކުލަވާލި ރިޕޯޓް ބަލައިގަނެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމާފަ އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެ ދެ ފަނޑިޔާރުން ވަކި ކުރުމަށް ފެންނަ ކަމަށް ބުނެ ޖޭއެސްސީން ފޮނުވި ދެ ސިޓީ އިއްވީ ވަކިވަކީންނެވެ. އެ މައްސަލައާ މެދު ގޮތެއް ނިންމާނީ ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމުން ނަގާ ވޯޓަކުންނެވެ.

ޖުޑީޝަރީ ކޮމިޓީ ފަށަން ތާވަލު ކޮށްފައި ވަނީ މިއަދުގެ ހެނދުނު 11:00 އަށެވެ.

އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މިއަދަށް ދެ މަހަށް ވުރެ ގިނަ ދުވަސް ވީ އެވެ.

ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިހާރު ވަނީ އެދިވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލައި، ދެ ފަނޑިޔާރުންގެ މަގާމު އިޔާދަ ކުރުމަށް ހިއުމަން ރައިޓްސް ވޮޗް ވަނީ ގޮވާލައިފައެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރީ ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް ބެލޭ ކަމަށް ބުނެ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved